ހިޔާނާތް

"ކުންފުނިތަކުގެ ސްކީމުން އެމްޑީން ފްލެޓް ހޯދުމަކީ ނާޖާއިޒު މަންފާ"

Mar 8, 2021

ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏެއް ތެރެއިން ހިންގާ ހައުސިން ސްކީމްތަކުގައި އެމްޑީންނާއި ޑީ އެމްޑީ ބައިވެރިވެ ފްލެޓް ހޯދުމަކީ ނާޖާއިޒު މަންފާ ހޯދުމެއް ގޮތު ދެކެ ވަޑައިގަންނަވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ޕީސީބީގެ ވެރިންނާއި ފިނޭންސް މިނިސްޓަރު އިއްޔެ ހާޒިރު ކުރުމުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ ފެންމަތި ކުރައްވާ އާމާޒު ކުރެއްވި ސުވާލުތަކަކަށް ޖަވާބު ދެއްވަމުންނެވެ.

މެންބަރު ހުސައިން ކޮމެޓީގައި ވިދާުޅުވީ ދައުލަތުގެ ވިޔަފާރިތައް ޕްރައިވެޓައިޒްކޮށް ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނެއް އޮންނަ އިރު އެ ގާނޫނަށް ބަލައިގެން ޕީސީބީއާ ސުވާލު ކުރާ ކޮންމެ ފަހަރަކު "އެއީ ތިމަންނަމެންގެ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެއް ނޫނޭ" ބުނާ ކަމަށެވެ، އެހެން ނަމަވެސް ސުވާލު އަމާޒު ކުރައްވަނީ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ޕީސީގެ ޒިންމާގައި ހިމެނޭ ކަންކަމުގައި ކަމަށެވެ.

ހުސައިން ނެގި އެއް ނުކުތާއަކީ މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ ޒިންމާ ޕީސީބީއަށް އޮންނަ އިރު ކުންފުނިތަކުގައި ހައުސިން ސްކީމާއި އިންޝުއަރެންސް ސްކީމް ކަންކަމާ ބެހޭ ގޮތުން ހިނގާ ނާޖާއިރު ފައިދާ އާއި ކަންކަން ހުއްޓުވަން މަސައްކަތް ކުރޭތޯ ފާހަގަ ކުރެއްވި ކުރެއްވުމެކެވެ. އޭގެ ތެރޭގައި ކަރަންޓް ކުންފުނި ސްޓެލްކޯގެ ހައުސިން ސްކީމް އޭނާ ފާހަގަ ކުރެއްވި އެވެ.

އަދި ވިދާޅުވީ އެއީ ރަނގަަޅަށް ހިނގާ / ގޯސްކޮށް ހިނގާ ކަމެއްތޯ މީގެ ކުރިން ސުވާލު ކުރުމުން ވެސް ޕީސީބީގެ ޖަވާބަކަށް ވެފައި އޮންނަނީ "އެއީ ޒިންމާތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް" ކަމަށެވެ.

"އެހެންވެ އަޅުގަނޑަކަށް ނުފެނޭ ޕީސީބީއެއް ބޭނުމެއް ވެސް. އަޅުގަނޑު ދެކޭ ގޮތުގައި ފިނޭންސް މިިނިސްޓްރީގެ ދަށުން ޑިވިޝަނެއް ހެދުމަށް ފަހު ވެސް މިކަންކަން ކުރެވިދާނެ. މޮނިޓާ ކުރުމާއި އިވެލުއޭޓް ކުރުން ވެސް މިނިސްޓްރީއަށް ކުރެވިދާނެ. އަޅުގަނޑަކަށް ނުފެނޭ ވަކީ ޕީސީބީއެއް އޮންނާކަށް،" އޭނާ ވިދާޅުވި އެވެ.

ޕީސީބީގެ ޝެއާ ހޯލްޑަރުގެ ހައިސިއްޔުން މިނިސްޓަރު އަމީރު އިއްޔެ ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުގައި ކުރީގެ ސަރުކާރުގެ ތެރެއިންލައިގެން އައިސް މިހާރު ވެސް ހައުސިން ސްކީމްތަކެއް ހިނގާ ކަމަށާއި މިނިސްޓަށް ގަބޫލުފުޅު ކުރެއްވެނީ އެއީ ރަނގަޅު ނިޔަތުގައި އެ ކުންފުނިތަކުގެ މުވައްޒަފުންނަށް ހިންގާ ހައުސިން ސްކީމްތައް ކަމަށެވެ. އެހެން ނަމަވެސް ކަން ހިނގާ ގޮތުން މިނިސްޓަރަށް ގަބޫލުފުޅު ނުކުރެއްވޭ ހަމައެއް އެކަމުގައި އޮންނަ ކަމަށެވެ.

"އަޅުގަނުގެ މިނިސްޓަރު ކަމުގައި ފަސް އަހަރު ހުރެފައި ފިނޭންސްގެ ސްޓާފުންނަށް ހިންގާ ހައުސިން ސްކީމެއްގައި އަޅުގަނޑު ބައިވެރިވެ އަޅުގަނޑަށް ފްލެޓެއް ލިބުމަކީ އެއީ ވަރަށް ގޯސް ކަމެއް ކަމަށް އަޅުގަނޑު ދެކެނީ. އަޅުގަނޑަކީ ފިނޭންސްގެ މުވައްޒަފަކަށް ނުވާނެ އަޅުގަނޑު ވާނީ ޕޮލިޓިކަލް އެޕޮއިންޓީއަކަށް." އަމީރު ވިދާޅުވި އެވެ. "ހަމަ އެގޮތަށް ސަރުކާރު ހިއްސަވާ ކުންފުންޏެއްގެ ތެރޭގައި ހިންގާ ހައުސިން ސްކީމެއްގައި އަޅުގަނޑު ނުދެކެން އެމްޑީ އާއި ޑީއެމްޑީ އެއީ އެ ތަންތަނުގެ މުވައްޒފުން ކަމަކަށް އެ ބޭފުޅުންނަކީ މާދަމާ ވެސް ދާނެ ބޭފުޅުން އަޅުގަނޑަށް ގަބޫލު ކުރެވެނީ އެއީ ނާޖާއިޒު މަންފާއެއް ލިބޭނެ ކަމެކޭ."