ދިވެހި ސިނަމާ

އަންހެނުންގެ ދުވަހު "ނީނާ"ގެ ސިފަ ދައްކާލައިފި

ޓީވީ ޕްރޮޑިއުސަރު އިލްޔާސް ވަހީދު (އިއްލެ) ގެ "ނީނާ" އަކީ ސްކްރީންއަށް އަންނަން ތައްޔާރުވެފައިވާ ފިލްމުތަކުގެ ތެރެއިން ބެލުންތެރިންގެ އެންމެ ބޮޑު ޝައުގުވެރިކަމެއް އޮތް އެއް ފިލްމެވެ. "ބަވަތި" ގެ ނަމުގައި ގެނެސްދިން ފީޗާ ފިލްމާއެކު ގިނަ ބައެއްގެ ލޯ އަމާޒުވި އިއްލެގެ ދެވަނަ ފީޗާ ފިލްމަކީ އޭނާއަށްވެސް ހާއްސަ ޕްރޮޖެކްޓެކެވެ.

"ނީނާ" ގައި އެންމެ މުހިންމު ރޯލުން ފެނިގެންދާނީ ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ. އެއީ ފިލްމުގެ ލީޑް ތަރިއެވެ. ނީނާއެވެ.

ފިލްމު ހާއްސަވާ އެންމެ ބޮޑު އެއް ސަބަބަކީ ތަފާތު ތިން ގޮތަކަށް ނުޒޫ މި ފިލްމުގައި ފެނިގެން ދިއުމެވެ. އިއްލެވެސް ވަނީ މީގެ ކުރިން އެ ވާހަކަ ބުނެފައެވެ.

މިއަހަރުގެ އަންހެނުން ދުވަހާ ގުޅުވާ "ނީނާ" ގައި ނުޒޫ ފެންނިގެންދާނެ ތަފާތު ލުކްތަކުގެ ތެރެއިން އެއް ލުކު ވަނީ ބެލުންތެރިންނަށް ދައްކާލާފައެވެ. މީގެ ކުރިން "ނީނާ" ގެ ޓީޒާވެސް އާންމުކޮށްފައިވާއިރު ފިލްމުގެ ތަފާތުކަން ވަނީ ކޮންމެވެސް މިންވަރަކަށް ވަޒަން ކޮށްލެވިފައެވެ.

މާޝަލް އާޓްސް ދަސް ކުރުމުގެ މަސައްކަތް ކުރަނިކޮށް ނުޒޫ ނަގާފައިވާ ބައެއް ފޮޓޯތައްވެސް އައި ފިލްމްސްއިން މީގެ ކުރިން އާންމުކޮށްފައިވެއެވެ. އެހެންވީމަ "ނީނާ" ގައި ނުޒޫ ފެންނާނެ ތަފާތު ލުކްތައް ވަޒަން ކޮށްލެވިދާނެ އެވެ.

މި ފިލްމުގައި ޖުމައްޔިލް ނިމާލާއި، މަރިޔަމް ޝަކީލާ އާދަމް (ޝަކިއްތަ) ވެސް ވަރަށް ހާއްސަ ރޯލަކުން ފެނިގެންދާނެއެވެ. އަދި ކުރީގެ ކުޅަދާނަ ފިލްމީ ތަރި މަރިޔަމް ރަޝީދާ މި ފިލްމުން ފެނިގެން ދިއުމަކީވެސް ހާއްސަ ކަމެކެވެ. މި ފިލްމަށް މުޅިން އަލަށް ދެ ތަރިން ތައާރަފު ކުރާނެ އެވެ. މީގެ އިތުރުން "ބަވަތި"ން ފެނިގެންދިޔަ ބައެއް ތަރިން ވެސް ފެނިގެންދާނެ އެވެ.

"ނީނާ" ލިޔެފައިވަނީ ވެސް އިއްލެ އެވެ. މިފަހަރު ވެސް ފިލްމުގެ ޕްރޮޑިއުސަރުންނަކީ އާސިމް އަލީ އަދި އަހުމަދު ވަހީދެވެ.