އެމްޑީޕީ

މާޔަން އެމްޑީޕީއާ ދުރަށް

އޭޝިއަން ފުޓްފޯލް ކޮންފެޑަރޭޝަންގެ ކޮންގްރެސްގެ އިންތިހާބުގައި ރާއްޖެއިން ވާދަ ކުރެއްވި މަރްޔަމް މުހައްމަދު (މާޔަން) ވެރިކަން ކުރާ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެ ޕާޓީއަށް ޖެހިއްޖެ އެވެ.

މާޔަން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީ ދޫކޮށްލެެއްވީ ޕާޓީގެ ސިޔާސަތުތައް ކަމުނުދާތީ ކަމަށެވެ.

"މިހާ އެކަނިވެރިވި ގޮތް ހުސްވި ވެރިކަމެއް ނުދެކެމު. މާޔޫސް ކަމުގައި ހިއްވަރެއް ނެތް. އަގަައިން ހެޔޮހިތުން ބުނެލާނެ ޔާރެއްނެތް. އެމްޑީޕީ އަށާއި މި ސަރުކާރަަށް އަލްވަދާއު މި ކިޔަނީ ގިސްލެވޭ ހާލުގަ. ވައްސަލާމު." މާޔަން ވިދާޅުވި އެވެ.

މާޔަން ސަރުކާރާ އެމްޑީޕީއާ ސަރުކާރާށް އެހާ ބޮޑަށް ފާޑުވިދާޅުވި ސަބަބެއް ނޭނގެ އެވެ. ފާޑުވިދާޅުވި އިރު މާޔަން ދާދި ފަހުން ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރައްވައި އޭނާގެ ކަންބޮޑުވުންތައް ހިއްސާ ވެސް ކުރައްވައިފަ އެވެ. އޭޝިއަން ފުޓްފޯލް ކޮންފެޑަރޭޝަންގެ ކޮންގްރެސްގެ އިންތިހާބުގައި މާޔަންއަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހުރަސް އެޅިކަމަށް އޭނާ ތުހުމަތު ކުރައްވަ އެވެ. އެ ތުހުމަތުތަކާ ގުޅިގެން އެކަން ބަލަން ރައީސް ނަޝީދު މަޖިލީހަށް އެންގެވި އެވެ.

ނަމަވެސް މައްސަލަ ބަލަން ރައީސް ނަޝީދު އެންގެވިތާ މަހެއް ވާން ކައިރިވިއިރު ވެސް އެ މައްސަލަ ބަލަން ފެށި ކަމެއް އަދި އެނގޭކަން ނެތެވެ. އެ މައްސަލަ ބަލަން ރައީސް ނަޝީދު ހަވާލު ކުރެއްވީ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީ އަށެވެ.

އެމްޑީޕީއަަށް އަލްވަދާއުކީކަން އިއުލާން ކުރެއްވުމުން ބައެއް މީހުން މަރުހަބާ ކިޔަވައިފައިވާއިރު އެމްޑީޕީގެ ބައެއް ފަރާތްތަކުން ދަނީ މާޔަންއަށް ބަހުގެ ހަމަލާތައް ވެސް ދެމުން ނެެވެ. ރައްދުގައި މާޔަން ވިދާޅުވީ އޭނާއާ އަޅައިގަނެގެން ނޫޅެ ގައުމު ހިންގަން އުޅުން މާ ބުއްދިވެރި ކަަމަށެވެ.

"އެމްޑީޕީ ފީޑްކޮށްފަ ތިބޭ ބޮޓުން ރައްދު ދޭން ހިތަށް ވެސް ނޭރިއްޔާ ރަނގަޅީ. މިހާރު ވެސް ކިޔޭ އެއްޗެތި މަދެއް ނޫން. އަމިއްލަ މީހުންނާ ދިމާލަށް. ގައުމު ހިންގޭތޯ ބަލާ ލިބިފަ ތިބި ވަޒީފާތަކުން،" މާޔަން ވިދާޅުވި އވެެ.