ހަބަރު

ބޭރުގައި ރާއްޖެ ފަލީހަތް ނުކުރަން އިލެކްޝަންސް އިން އެމްޑީޕީއަށް އަންގައިފި

ބައިނަލްލަގުވާމީ މައިދާނުގައި ރާއްޖޭގެ ސިޔާދަތާއި ކަރާމަތަށް އުނިކަން ލިބި، ރާއްޖެ ފަލީހަތް ވާނެ އަމަލުތަށް ނުކުރުމަށް ނަސޭހަތްދީ އިލެކްޝަން ކޮމިޝަން (އީސީ) އިން އެމްޑީޕީ އަދި އަދާލަތު ޕާޓީ އަށް ސިޓީ އެއް ފޮނުވައިފި އެވެ.

އީސީ އިން މި ސިޓީ ފޮނުވާފައިވަނީ "މިންޖުވާން" ގެ ނަމުގައި އެމްޑީޕީ އިން ކުރިޔަށް ގެންދިޔަ މުޒާހަރާގައި ޔޫއެންގެ ލޯގޯ ބޭނުން ކުރި މައްސަލާގައި، ޔޫއެން އިން ކަންބޮޑުވުން ފާޅުކޮށްފައިވާ އިރުގަ އެވެ. އަދި އެމައްސަލާގައި އީސީ އިން މީގެ ކުރިން ބުނެފައި ވަނީ އެކަން ބަލާނެ ކަމަށާއި އަދި ފިޔަވަޅު އަޅަންޖެހިއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

އެމްޑީޕީގެ އިތުރުން މުޒާހަރާގައި ބައިވެރިވި އަދާލަތު ޕާޓީއަށް އީސީ އިން މިއަދު ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތައް ހިނގަން ވާނީ ބައިނަލްލަގުވާމީ މުއާހަދާތަކުގެ ދަށުން އަމަލުކުރަންޖެހޭ ގައިޑްލައިންތަކާއި ހިލާފު ނުވާނެ ގޮތުގެ މަތިން ކަމަށާއި ސުލްހަވެރިކަމާއި ރާއްޖޭގެ ގާނޫނާއި ގަވައިދުގައި ވާގޮތުގެ މަތިން ކަމަށެވެ.

"..އެގޮތުން ބައިނަލްލަގުވާމީ މައިދާނުގައި ރާއްޖޭގެ ސިޔާދަތާއި ކަރާމަތަށް އުނިކަން ލިބޭފަދަ އަމަލުތަކުން އެކަހެރިވެ ތިބުމަށް ސިޔާސީ ޕާޓީތަކައް ގޮވާލަން،" އެ ސިޓީގައި ބުނެ އެެވެ.

މީގެ އިތުރުން މުޒާހަރާތަކުގައި ކުޑަކުދިން ބައިވެރިކުރުމުގެ އިތުރުން އެކިއެކި މުއައްސަސާތަކާއި މެދު ރައްޔިތުންގެ ހިއްތަކުގައި ނަފްރަތު އުފައްދައި އެތަންތަނުގެ އަގުވައްޓާލުމަށް ދޮގު މައުލޫމާތު ފެތުރުން ފަދަ އަމަލުތަކަކީ ވެސް ހުއްދަ ކަމެއް ނޫން ކަމަށް އެ ސިޓީގައި އީސީ އިން ފާހަގަކޮށްފައިވެއެވެ. އީސީ އިން ބުނިގޮތުގައި ސިޔާސީ ޕާޓީތައް ބާއްވާ މުޒާހަރާތަކުގައި ހިނގާ ކަންކަން އެކޮމިޝަނުން ގާތުން ބަލައި، ގާނޫނާ ހިލާފު ކަންކަން ކުރާ ނަމަ އެކަށީގެންވާ ފިޔަވަޅު އަޅާނެ އެވެ.