ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ކަރަންޓީނު ނެތި ކެންޕޭނަށް ދެވޭގޮތް ހެދުމުން ފާޑުކިޔަނީ

ކަރަންޓީނުވުމަކާ ނުލައި ފަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހުއްދަ ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ކެންޕެއިން ޓީމުތަކަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުން ރުޅިވެރިކަމާއެކު އެ ނިންމުމަށް ފާޑުކިޔައިފި އެވެ.

އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ކެންޑިޑޭޓުންނަށް ކެންޕެއިން ކުރުމަށް ހަމަހަމަ ފުރުސަތުތަކެއް ނެތް ކަމުގެ ޝަކުވާ ވަރަށް ބޮޑުވިއެވެ. އެކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރިއެވެ. ރައްޔިތުންގެ މަޖިލީހާއި ސިޔާސީ ޕާޓީތަކުގެ ފާޑުކިޔުން އެޗްޕީއޭއާ ޓެގް ޓީމަށް ވަރަށް ބޮޑަށް އަމާޒުވިއެވެ. އަދި ކެންޕެއިން ކުރުމަށް ފަސޭހަކޮށްދީ އެޗްޕީއޭގެ ހަރުކަށި ގައިޑްލައިން ލުއި ކުރުމަށް މަޖިލީހުން ވަނީ އެދިފައެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު މިނިވަން މުވައްސަސާތަކުގެ ކޮމެޓީއަށް ހާޒިރުކޮށް ގައިޑްލައިނަށް ލުއިދޭން ޖެހޭ ކަމަށް ކޮމެޓީގެ މުގައްރިރު ވަނީ ވިދާޅުވެފައެވެ. އެ ދުވަހު މައިމޫނާ އަބޫބަކުރު ވިދާޅުވީ އީސީން އެދުނު ގޮތަށް ހާއްސަ އިމްތިޔާޒުތަކެއް ހަމަޖައްސައިދެވޭތޯ ބައްލަވާނެ ކަަމަށެވެ. ނަމަވެސް މިހާރު ހަދައިފައިވާ ގައިޑް ލައިންތައް ހަދާފައިވަނީ ވެސް ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށެވެ.

ރޭ ކުއްލި ގޮތަކަށް އެޗްޕީއޭއިން ވަނީ ގައިޑްލައިން ލުއިކޮށް ކަރަންޓީނުވުމަކާ ނުލައި ފަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހުއްދަ ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ކެންޕެއިން ޓީމުތަކަށް ދީފައެވެ.

އެޗްޕީއޭއިން ރޭ އާންމުކުރި "ކޮވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގައި އަމަލު ކުރުމަށް ކަނޑައަޅާފައިވާ ހާއްސަ ގައިޑްލައިން" ގައި ބުނެފައިވަނީ ކަރަންޓީނުވުމަކާ ނުލައި ކުރުމުއްދަތަށް (ފަސް ދުވަހަށް ވުރެ ދިގު ނޫން) އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ކަމަށެވެ. އެގޮތުން ކެންޑިޑޭޓުންނާއި ކެންޑިޑޭޓުން ކަނޑައަޅާ މީހުން ތާއީދު ހޯދުމަށް ކެންޕޭން ކުރުމަށް ކޮމިއުނިޓީ ސްޕްރެޑް އޮތް ރަށަކުން ނުވަތަ ރިސޯޓަކުން ނޫނީ ގެސްޓްހައުސް ހިންގާ ރަށަކުން ކޮމިއުނިޓީ ސްޕްރެޑް ނެތް ރަށަކަށް ކަރަންޓީނުވުމަކާ ނުލާ ދަތުރު ކުރެވޭނެ ކަމަށާ ނަމަވެސް ފަސް ދުވަހަށްވުރު ދިގު މުއްދަތަކަށް ދަތުރުކުރާނަމަ 10 ދުވަހުގެ މުއްދަތަށް ކަރަންޓީންވާން ޖެހޭނެ ކަމަށެވެ.

ދަތުރުކުރުމުގެ ކުރިން ކެންޑިޑޭޓުންނާއި ކެންޕެއިން ޓީމުންވެސް އެޗްޕީއޭގެ ހުއްދަ ހޯދަން ޖެހޭނެ އެވެ. އަދި މި އުސޫލުގެ ދަށުން ދަތުރުކުރެވޭނީ 72 ގަޑިއިރު ކުރިން ހަދާފައިވާ ޕީސީއާރު ޓެސްޓްގެ ނެގެޓިވް ނަތީޖާ އޮވެގެނެވެ.

މީގެ އިތުރުން އެޗްޕީއޭއިން ދީފައިވާ ހުއްދަ ރަށަށް ފުރުމުގެ ކުރިން ކައުންސިލަށް ފޮނުވުމާއި ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ ނުވަތަ ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓްވެފައިވާނަމަ ދަތުރުގައި ބައިވެރިނުވެވޭނެ އެވެ.

އަދި ކެންޕެއިނަށްދާ ރަށެއްގައި ވަކިން ތިބެވޭނެ އިންތިޒާމު ހަމަަޖެއްސުމާއި އެ ރަށެއްގައި ބައްދަލްވުންތައް ބޭއްވުމަށް ހަމަޖެހިފައިވާ ތަނަށް ނޫނީ ނުދިއުމަށްވެސް އުސޫލުގައި ހިމަނާފައިވެއެވެ. ގޭގެއަށް ޒިޔާރަތް ކުރުމާއި ކެންޑިޑޭޓުންނާއި ކެންޕެއިން ޓީމު ތިބޭ ތަނަށް އާންމުން ދިއުންވެސް އުސޫލުގައި މަނާ ކުރެއެވެ. އަދި ހަ ފޫޓްގެ ގައިދުރުކަން ބެހެއްޓުމާއި ހާމަ ތަންތަނާގައި ބައްދަލްވުންތައް ބޭއްވުން ފަދަ އެތަށް ކަމެއް އުސޫލުގައި ހިމަނާފައިވެއެވެ.

މި އުސޫލާއެކު އެތަށް ބަޔަކު ވަނީ އެޗްޕީއޭއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަކީ އެއްވެސް ހަމައަކުން އަޅާފައިވާ ފިޔަވަޅުތަކެއް ނޫންކަން އެޗްޕީއޭގެ އުސޫލުން ހާމަވެއްޖެ ކަމަށެވެ.

"ކެންޑިޑޭޓެއްވީމަ ނޫނީ ކެންޕެއިން ޓީމުގެ މީހެއް ވީމަ ވައިރަސް ދަތުރު ނުކުރަނީތަ. ފަސް ދުވަހަށް ރަށްރަށަށްދާ ކެންޑިޑޭޓަކާއެކު ކޮވިޑް ނުދާނެ ކަމަށް ދެކެނީ ކޮން ހަމައަކުން. ތިޔައީ ކުޅޭކުޅޭ އުސޫލެއްކަން އަމިއްލައަށް ތިޔަ އިއުލާނުކުރީ،" އާންމުންގެ މީހަކު ފޭސްބުކްގައި ލިޔެފައިވެއެވެ.

އެހެން މީހަކު ބުނީ ކޮވިޑް ކޭސްތައް 100 އިން މަތީގައި ހުންނަތާ ދެ މަހެއްހާ ދުވަސްވާން ދާއިރު މާލޭގައި ފިޔަވަޅުތައް ހަރުކަށިކޮށް ހަމައެކަނި ކެންޑިޑޭޓުންނަށް ރަށްރަށަށް ދަތުރުކުރެވޭ ގޮތް ހެދުމުން އެޗްޕީއޭ ސިޔާސީ ވެފައި އޮތް މިންވަރު އެނގިއްޖެ އެވެ. އަދި އެޗްޕީއޭއަށް ސިޔާސީ ނުފޫޒު އޮތް މިންވަރު ސާފުވެއްޖެ އެވެ.

"ކޮމެޓީއަށް ހާޒިރުކޮށް ރޮޒައިނާ އެންގީމަ މި އޮތީ ހުއްދަ ދީފައި. ތިޔަ އުޅެނީ ކޮވިޑް ކޮންޓްރޯލް ކުރަންތަ ނޫނީ މުޅި ރާއްޖެއަށް ފަތުރާލަންތަ. ނޫނީ ކޮވިޑޭ ކިޔައިގެން ތިޔަ ދައްކަނީ އަސްލެއް ނެތް ވާހަކަައަކީތަ،" މީހަކު ޓްވިޓާގައި ލިޔެފައި އޮތެވެ.

އަނެއް ބަޔަކު ވަނީ ގައިދުރުކޮށް ނަމާދު ކުރަން އަންގާ މިސްކިތްތަކުގައި ހަރުކަށި ފިޔަވަޅު އަޅާފައި ދެން ހުރި ދިމަދިމާއިން ލުއިތައް ދޭތީ ސުވާލު އުފައްދާފައެވެ. ވަރަށް ގިނަ ބަޔަކު އާންމުން ކޮވިޑް ފިޔަވަޅުތަކަށް ބޯނުލަބަނީ އެޗްޕީއޭއިން މިފަދަ ތާކުންތާކު ނުޖެހޭ ނިންމުންތައް ނިންމާތީ ކަމަށް ބުނެފައެވެ.