ސަރަހައްދުގެ ހަމަޖެހުމުގައި އިންޑިއާ-ދިވެހިރާއްޖޭގެ ގުޅުން ވަރަށް މުހިއްމު ދައުރެއް އަދާކުރާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ އިންޑިއާ ޓުޑޭ ކޮންކްލޭވް-ސައުތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ މުސްތަގުބަލުގައި އިންޑިއާ ކަނޑުގެ ސަރަހައްދަށް އަންނަން އޮތް ތަރައްގީ އާއި ޑިމޮކްރެޓިކް ސުލްހައާއި ހަމަހަމަކަން ގާއިމުވުމުން މި ސަރަހައްދުގެ ގައުމުތަކަށް ލިބުނު ކުރިއެރުމާއި ތަރައްގީ ފާހަގަކުރަން ޖެހޭ ކަމަށެވެ. ސަރަހައްދުގެ ތަރައްގީއާއި ކުރިއެރުމާއި އަދި ސުލްހަ އާއި ރައްކާތެރިކަމުގެ އިތުރުން ސަރަހައްދުގެ ގައުމުތައް ގުޅިގެން ކުރާ މަސައްކަތުގައި އިންޑިއާގެ މުހިއްމު ދައުރު ވަރަށް މުހިންމު ކަމަށާ އަދި އިންޑިއާގެ އިސްނެގުން ފާހަގަކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ޖިއޮގްރަފިކަލް ގޮތުން އޮންނަ ތަނުގެ ސަބަބުން ބައިނަލްއަގުވާމީ ވިޔަފާރީގައި ދިވެހިރާއްޖެއަކީ އަގުނުކުރެވޭނެ ފަދަ ބައިވެރިއެއްކަމާއި ސަރަހައްދުގެ ހަމަޖެހުމުގައި އިންޑިއާ-ދިވެހިރާއްޖޭގެ ގުޅުމަކީ މުހިއްމު ދައުރެއް އަދާކުރާ ގުޅުމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި އަހަރު ޗެންނާއީގައި ކުރިއަށްދަނީ މިކޮންކްލޭވްގެ ހަތަރުވަނަ އެޑިޝަންއެވެ. މިބައްދަލުވުމުގައި އެކިއެކި ދާއިރާތަކުން ބޭފުޅުން ވާހަކަ ދެއްކެވުމަށްވަނީ ހަމަޖެހިފައެވެ. މައިގަނޑު ގޮތެއްގައި މިބައްދަލުވުމުގައި މަޝްވަރާކުރެވޭނީ ސޯޝިއޯ-ޕޮލިޓިކަލް ގޮތުން ސަރަހައްދަށް އަންނަ ތަރައްގީ އާއި ކުރިއެރުމާއި ގުޅޭގޮތުންނެވެ. މި ކޮންކްލޭވް އިންތިޒާމްކުރަނީ އިންޑިއާގެ މީޑިއާއެއް ކަމަށްވާ އިންޑިއާ ޓުޑޭ އިންނެވެ.
"ނެއިބާހޫޑް ނެވިގޭޝަން ދަ ކޮމޮން ވޯޓާސް، އޯލްޑް ޓައިސް، ނިއު ސްޓްރެޓެޖީސް" ނަމުގައި ބޭއްވި ސެޝަންގައި މިނިސްޓަރު ޝާހިދުގެ އިތުރުން ސްރީލަންކާގެ ފޮރިން މިނިސްޓަރު ދިނޭޝް ގުނަވަރުދެނަ އަދި އިންޑިއާ ފައުންޑޭޝަންގެ ބޯރޑް އޮފް ގަވާނާސްގެ މެމްބަރު ރާމް މަދަވް ބައިވެރިވެވަޑައިގެންނެވިއެވެ.