ރައީސް ބައިނޑަންގެ ސަރުކާރުން އުތުރު ކޮރެއާ އާއެކު ގެންގުޅޭނީ ކޮންކަހަލަ ސިޔާސަތެއް ކަމެއް އަދި ވެސް ނޭނގެ އެވެ. ބައިޑަން އަބަދުވެސް ވިދާޅުވަނީ އުތުރު ކޮރެއާއިން ނިއުކްލިއާ އުފެއްދުންތައް މަޑުޖައްސާލައިގެން ނޫން ގޮތަކަށް މަޝްވަރާ ނުކުރައްވާނެ ކަމަށެވެ.
އެމެރިކާއިން އެދޭހައި ގޮތެއް އުތުރު ކޮރެއާ ގަބޫލެއް ނުކުރެ އެވެ. މަޝްރަހުގައި މިހާރު ކަންތައް ހިނގަމުންދާ ގޮތަށް ބެލި ނަމަވެސް މިކަން ވަރަށް ސާފެވެ. އުތުރު ކޮރެއާއާ މަޝްވަރާ ނުކުރާނެ ކަމަށް އެމެރިކާ ސަރުކާރުން ބުނި ނަމަވެސް މިހާރު އިވެނީ ފަރުދާގެ ފަހަތުގައި ކަންތައްތަކެއް ހިންގަމުން އަންނަ އަޑެވެ.
އުތުރު ކޮރެއާއާ މަޝްވަރާ ކުރުމަށް އެމެރިކާ ސަރުކާރުން ބޭނުންވެ އެވެ. އަދި ނުސީދާ މަސައްކަތްތަކެއް ވެސް އެބަކުރެވެ އެވެ. އެހެން ނަމަވެސް އުތުރު ކޮރެއާއިން އެއްވެސް ވަރެއްގެ އެހީތެރިކަމެއް ނުލިބޭ ކަމަށްވެ އެވެ. ފޯނުކޯލަށް ޖަވާބު ނުދޭ ތަނުގައި ޑިޕްލޮމެޓުން މެދުވެރިކޮށް މިހާތަނަށް ކުރި މަސައްކަތްތައް ވެސް ވަނީ ބޮއްސުންގޮސްފަ އެވެ.
ބައިޑަން ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމުގެ ކުރިން ވެސް އުތުރު ކޮރެއާއަކީ ބޯހަރު ޖާހިލު ޑިކްޓޭޓަރަކު ހިންގާ ގައުމެއް ކަމަށް ވަނީ ލޭބަލް ކުރައްވާފަ އެވެ. އެމެރިކާގެ ކޮންމެ ރައީސެއްގެ ބަސްމަގު އުތުރު ކޮރެއާއާ މެދު ހުންނަނީ މިކަހަލަ ގޮތަކަށެވެ. އެހެން ނަަމަަވެސް ދައުރުގެ ކޮންމެވެސް ހިސާބަކުން އުތުރު ކޮރެއާއާ މަޝްވަރާ ނުކުރައްވައި ހައްދަވާނެ ގޮތް އޮންނަނީ އެނގިވަޑައިނުގެންފަ އެވެ.
އުތުރު ކޮރެއާ އާއެކު ގާތް ގުޅުމެއް އުފެއްދުނަށް ޑޮލަންޑް ޓްރަމްޕްގެ ސަރުކާރުން ވެސް މަސައްކަތްތައް ކުރެއްވި އެވެ. އެކަމަކު އަދި އަދަށް ދާންދެން ވެސް އެއްބަސްވުމެއްގައި ސޮއި ކުރެވޭ ވަރެއް ނުވެ އެވެ. މައިގަނޑު ސަބަބަކީ އެމެރިކާއިން އަދި އުތުރު ކޮރެއާއިން ވެސް، އެއްބަޔަކު އަނެއް ބަޔަކަށް އިތުބާރު ނުކުރުމެވެ.