ފައްޔާޒް އިސްމާއީލް

ބާރެއް ލިބުނަސް އާދައިގެ ދިރިއުޅުން މުހިންމު: ފައްޔާޒު

ލިބިފައިވާ ބާރެއް ބޭނުން ކުރުމުގައި އިސްލާމްދީނުގައި ކަން އޮތް ގޮތާއި ރަސޫލާ އަމަލުކުރެއްވި ގޮތް އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް (ފައްޔަ) ވިދާޅުވެއްޖެ އެވެ.

ފައްޔާޒު މިހެން ވިދާޅުވީ ޕޮލިސް އެކަޑަމީން ހިންގި 32 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިން ކޯހުގެ ދަސްވެނިވި ހިނގާލުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅު ގައެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހިން މިހާރު މިތިބި ހިސާބަށް އާދެވުނީ ގިނަ ގޮންޖެހުންތަކާއެކު ކަމަށާ މި ވަގުތަކީ ހުރިހާ މުއައްސަސާތަކުންވެސް ރައްޔިތުންގެ އިތުބާރު ހޯދުމަށް މަސައްކަތް ކުރަންޖެހޭ ވަގުތެއް ކަމަށެވެ. އިންސާފު ލިބޭނެ ކަން ޔަގީންކޮށްދީ އިތުބާރު ގާއިމު ކުރުމަށް ދައުލަތުގެ ތިން ބާރު ކަމަށްވާ ވެރިކަން ހިންގުމުގެ ބާރާއި ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާއިންވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

މަގާމުތަކުގައި މިއަދު ތިއްބެވި ބޭފުޅުން ކަންކަން ކުރައްވާއިރު ދީނުގައި އެކަމެއްގެ ހުކުމް އޮތްގޮތާއި މާތް ރަސޫލާ އާއި ހަލީފާއިން އަމަލުތައް ބެހެއްޓެވި ގޮތް ހަނދާން ކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"އާދައިގެ ދިރިއުޅުމާއި ހިތްތިރިކަމާ މިއީ އަބަދުވެސް އަޅުގަނޑުމެން ހަނދާން ކުރަން ޖެހޭ ކަމެއް. އަޅުގަނޑުމެންނަށް އެ ލިބިގެންދާ ބާރު ބޭނުންކުރުމުގައި އަބަދުވެސް މިކަންކަމަށް ވިސްނަން ޖެހޭ،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ރައްޔިތުންގެ އިތުބާރު ފުލުހުންގެ މުއައްސަސާއަށް ވަރަށް މުހިންމު ކަމަށާ އެ އިތުބާރު އޮތުން ގައުމަށްވެސް ނުހަނު ބޭނުންތެރި ކަމަށެވެ. އެ އިތުބާރު ހޯދޭނީ ހިތްތިރިކަމާއެކު މަސައްކަތް ކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.

ޕޮލިސް ރެކްރޫޓް ޓްރެއިނިން ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ޕޮލިސް ކޮންސްޓަބަލް ހަސަން އިރުޝާދުއެވެ. ކޯހުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ހަސަން އިރުޝާދަށް ވަނީ ކޮމިޝަނަރ އޮފް ޕޮލިސް އެކްސަލެންސް އެވޯޑްވެސް މިރަސްމިއްޔާތުގައި ހަވާލުކޮށްފައެވެ. އިރުޝާދަށް މި އެވޯޑް ހަވާލުކޮށްދެއްވީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދުއެވެ.