މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުސް ބޯޑަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފި

އާންމުންގެ ތެރެއިން މެންބަރަކު ކަނޑައެޅުމަށް ފުލުސް ބޯޑަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

ޕޮލިސް ބޯޑް އޮންނާނީ ހަތް މެންބަރުންގެ މައްޗަށެވެ. ބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ދެ މެންބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މީހުންގެ އިތުރުން އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ ދެ މީހުންނެވެ.

ޕޮލިސް ބޯޑަށް އާންމު ރައްޔިތުންގެ ތެރެއިން މަޖިލީހުން ދެ މެންބަރަކު އައްޔަން ކުރަންޖެހެ އެވެ. އެގޮތުން މިއަދުގެ މަޖިލީހުގައި އާންމު ރައްޔިތުންގެ ތެރެއިން އެއް މެންބަރެއްގެ ނަން ވަނީ ފާސްކޮށްފަ އެވެ. ފުލުހުންގެ ބޯޑަށް މިއަދުގެ މަޖިލީހުން ފާސްކޮށްފައިވަނީ ހާމިދު އަބްދުލް ޣަފޫރެވެ.

އާންމު ރައްޔިތުންގެ ތެރެއިން ދެ ބޭފުޅަކު ހޮވަން ޖެހޭތީ އެ މަގާމަށް ކުރިމަތިލުމަށް ހުށަ ހަޅާފައި ވާއިރު އެ މަގާމަށް ކުރިމަތިލާ ފަރާތަކީ ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ މީހަކަށް ވެގެން ނުވާނެއެވެ. އެ މެންބަރުންގެ ދައުރަކީ ހަތަރު އަހަރުދުވަހެވެ.

ފުލުސް ބޯޑަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، އެފަރާތުގެ ވަނަވަރާއި ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއާއި، ލިބިފައިވާ މަސައްކަތު ތަޖުރިބާގެ މައުލޫމާތު ހިމެނޭ ލިޔުމަކާއި އަދި މަގާމަށް އެދޭ އެޕްލިކޭޝަން ފޯމާއި، ކުށުގެ ރެކޯޑު ފޯމާއެކު، މި މަހުގެ 28 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށައަޅަން ޖެހެއެވެ.