ރައީސް މުހައްމަދު ނަޝީދު

ދަތުރު ދަނީ ހަރުކަށި ފިކުރުގެ މީހުންތޯ ފުލުހުން ބަލާނެ: ނަޝީދު

ފަޅު ރަށްތަކަށް ދަތުރު ދާއިރު އެތަންތަނަަށް ދަނީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުން ދޭތޯ ފުލުހުން ބަލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދީނީ ގޮތުން ހިޔާލު ކަފިވާ ގޮތަށް އަބަދުވެސް ވާހަކަފުޅު ބައްޓަން ކުރައްވާ ރައީސް ނަޝީދު އެފަދައިން ވިދާޅުވީ މިދިޔަ ހުކުރު ވިލޭރޭ ވ. އަތޮޅު އަންބަރާއަށް ދިޔަ ދޯންޏެއް ހުއްޓުވައި އޭގައި ތިބި ގިނަ އަދަދެއްގެ ޒުވާނުން ޖޫރިމަނާ ކުރި ހާދިސާއަށް އިޝާރާތް ކުރައްވަ އެވެ.

އެ މައްސަލައިގައި 95 މީހަކު ޖޫރިމަނާ ކުރި އެވެ. އަދި އެ މީހުނާ ގުޅުވައި ކުރި ތުހުމަތުތައް ފުލުހުން ދޮގުކޮށްފައި ވެއެވެ.

އެ މީހުން ޖޫރިމަނާ ކުރީ ކޮވިޑާ ގުޅިގެން އެޗްޕީއޭއިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑާ ހިލާފަށް އަންބާރާއަށް ދާން އުޅުމުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މިއަދު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ރައީސް ނަޝީދު ވިދާޅުވީ ޒުވާނުންނާ ދޭތެރޭ ފުލުހުން އަމަލުކުރި ގޮތުންނާއި އަންބާރާއަށް ނުދެވި އެނބުރި އަންނަން ޖެހުމުން އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.

އޭގެ ފަހަށް އެ ހާދިސާއާ ނަޝީދު ދެން ގުޅުވާލެއްވީ ދީނީ ގޮތުން ހައްދު ފަހަނައަޅައިދިއުމާ އެވެ. ދަތުރު ދިޔަ ޒުވާނުންނާ އެފަދަ ކަމަކާ ގުޅުމެއް އޮތް ކަމަކަށް ފުލުހުން ބުނެފައި ނުވާއިރު ވެސް ރައީސް ނަޝީދު ވިދާޅުވީ ދީނީ ހަރުކަށި ފިކުރަށް ލެނބި އެމީހުންގެ ތަމްރީންތަކަށް ޒުވާނުން ފަޅު ރަށްރަށަށް ދާކަން ފުލުހުންނަށް އެނގޭނެ ކަމަށެވެ.

"އެހެންވީމާ އެކަންބޮޑުވުން ފުލުހުން ހުންނާނެ. ހުރެގެން އެބާވަތުގެ ކަންބޮޑުވުން ބަލާނެ. ދަތުރުދާ ޒުވާނުން ވަރަށް ބޮޑަަށް ވިސްނަން ޖެހޭ އެ އިމޭޖަށް. ވިސްނަވައިގެން ދަތުރުދިއުން އަޅުގަނޑު ދެކޭ ގޮތުގައި އެއީ ބުއްދިވެރި ކަމެއް." ރައީސް ނަޝީދު ވިދާޅުވި އެވެ.