މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ރަށުފެރީ ނިޒާމު އަމިއްލައަށް ހިންގަން ފަށަން 7 އަހަރާއި 10 އަހަރު ނަގާނެ

ރަށު ފެރީގެ ހިދުމަތް އަމިއްލަ އަށް ސެލްފް ސަސްޓެއިންކޮށް ހިންގަން ފަށަން ހަތް އަހަރާއި 10 އަހަރުގެ މުއްދަތެއް ނަގާނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފި އެވެ.

މުޅި ރާއްޖެ ގުޅާލަން ސަރުކާރުން ފަށާ "ރަށު ފެރީ ނިޒާމު" ގެ މައުލޫމާތު ދޭން ޕްލޭނިން މިނިސްޓްރީ އާއި އެމްޓީސީސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މި ފެރީގެ ނިޒާމު އަމިއްލަ ޒާތުގައި ހިންގަން ފަށަން ވަގުތު ނަގާނެ ކަމަށެވެ. އަމިއްލަ ޒާތުގައި ނުހިނގާނަމަ ދެން ހިންގަން ޖެހޭނީ ބަޖެޓުން ފައިސާ ދީގެންނެވެ.

"މިއީ އެސެމްޝަން ތަކަށް ބެލިފައި މި ހިސާބު ޖެހިފައި މިވަނީ. އެއީ ދަތުރު ކުރާނެ ކަމަށް ބެލެވޭ މިންވަރަށް ބަލާފަ. ރާއްޖެއަކީ ތަރުތީބު ކުރެވިފައި އޮތް ދަތުރުފަތުރުގެ ނިޒާމެއް އޮތް ތަނެއް ނޫން. އެ އާދަކާދައެއް ނުހުރެ. އެކަމަކު ދަތުރުފަތުރަކީ ފެށީމަ އެއަށް ބަރޯސާ ކުރަން ފަށާނެ ކަމަށް،" އަސްލަމް ވިދާޅުވި އެވެ.

އަންދާޒާ، އާބާދީގެ އެއް ޕަސެންޓް ދަތުރު ކުރާނެ

އޭނާ ވިދާޅުވީ މިހާރުގެ އަންދާޒާއަކީ އާބާދީގެ އެއް ޕަސެންޓް ދަތުރު ކުރާނެ ކަމަށާ، އެހެންވެ 100 މީހުންގެ ތެރެއިން އެކަކު ދަތުރު ކުރާނެ ކަމަށެވެ.

"ފުރަތަމަ ހަ މަސް ދުވަހު ހަމަ ލާނިން ކާވެއްގައި އުޅޭނީ. އަޅުގަނޑުގެ ގަޓް ފީލިންއަކީ އެއް ޕަސެންޓަށް ވުރެ ގިނައިން ދަތުރު ކުރުން،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 2008 ގެ ތަޖުރިބާގައި ވެސް ފެށި ކަމަށާ، އެ ފަހަރާއި މި ފަަހަރުގެ އެއް ތަފާތަކީ އުޅަނދު ފަހަރު ކަމަށެވެ.

"މި ފަހަރު އުޅަނދު ފަހަރު މިހުރީ އެކަމަށް ހާއްސަ މިކަމަށް ބަނދެއްގައި ހުންނަ އުޅަނދު ފަހަރު. ކުރީގަ ގިނަ ވާނީ ދޯނި ފެރީ. ދެވަނަ ކަމަށް ކްރޮސް ސަބްސިޑައިޒް މޮޑެލެއް. ކުރިން އޮތީ ހިދުމަތްދޭ ފަރާތަށް އެހެން ފުރުސަތެއް ދީފަ އެ ވިޔަފާރިން ލިބޭ އެއްޗަކުން ދަތުރުފަތުރުގެ ހިދުމަތަށް ގެއްލުންވާ މޮޑެލް އަށް ސަބްސިޑައިޒް ކުރުން. އެކަމަކު މި ފަހަރު ސީދާ ސަބްސިޑައިޒް ދޭނީއޭ ހިދުމަތްދޭ ފަރާތަށް،" އަސްލަމް ވިދާޅުވި އެވެ.

ފެރީ ޕްރައިވެޓައިޒް ކުރުމުގެ ވިސްނުމެއް

ސަރުކާރުން ނޮވެމްބަރު މަހު ރަށު ފެރީގެ ހިދުމަތް ފަށަން ތައްޔާރުވާއިރު، މި ހިދުމަތް ޕްރައިވެޓައިޒް ކުރުމުގެ ވިސުން ވެސް ސަރުކާރުން ގެންގުޅޭ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އެކަމަކު މި ހިދުމަތް ޕްރައިވެޓައިޒް ކުރާނީ އިކޮނޮމިކަލީ ދެކޮޅު ޖެހޭ މިންވަރަށް ދިޔައީ. ކުރީ ފަހަރު މަސައްކަތް ފެށީ ވެސް ޕްރެއިވަޓައިޒް މޮޑެލް އަކަށް. އެކަމަކު ބަޖެޓުން ހޭދަކޮށްގެން މި ފަށަނީ. ޔަގީން ކަމަކީ އަޒުމާއެކީގައި ފެށީމަ ކާމިޔާބު ވާނެ ކަމެއް،" އަސްލަމް ވިދާޅުވި އެވެ.

ސަރުކާރުން ބުނީ މި ފެރީގެ އަގުތައް ހުންނާނީ މިހާރު ދޯނިން ކުރާ ފެރީ ތަކަށް ވުރެ އަގު ބޮޑުކޮށް ނަމަވެސް ހައި ސްޕީޑް ފެރީގެ އަގުތަކެއްގަ އެވެ. ނަމަވެސް އަގުތައް އެކަށީގެންވާއިރު، ވަރަށް އަވަހަށް އަގުތައް ހާމަ ކުރާނެ ކަމަށެވެ.

ރަށު ފެރީ މަޝްރޫއު ކުރުކޮށް

  • ފުރަތަމަ ޒޯން ފަށާނީ ނޮވެމްބަރު މަހު
  • ފުރަތަމަ ފަށަނީ ހއ. އާއި ހދ. އަދި ށ. އަތޮޅު
  • ފުރަތަމަ ޒޯންއަށް 157 މިލިއަން ރުފިޔާ ހޭދަ ވާނެ
  • މި ޒޯނުން އެކަނި 80 އަށްވުރެ ގިނަ ވަޒީފާ
  • 17 ފެރީ ބަންނަން ވަނީ ހަވާލުކޮށް
  • މިއީ ހައި ސްޕީޑުގެ ފެންވަރު ރަނގަޅު އުޅަނދު ފަހަރު
  • މުޅި ރާއްޖެ އެއްކޮށް ގުޅާލެވޭނީ 2023 ގައި

އެމްޓީސީސީ އިން ވަނީ ރަށުފެރީގެ ހިދުމަތް ފެށުމުގެ ގޮތުން ޒޯން އެކެއްގައި ދަތުރުފަތުރުގެ ހިދުމަތް ފަށަން ބޭނުންވާ 17 އުޅަނދު ބަންނަން ހަވާލު ކުރަން ނިންމާފަ އެވެ. މި ނެޓްވޯކާއެކު 80 އެއްހާ ވަޒީފާ އުފެދިގެން ދާނެ އެވެ. ޒޯން އެކެއްގައި މިކަން ފެށުމަށް 157 މިލިއަން ހޭދަވާނެ އެވެ. އޭގެ ތެރެއިން 52 މިލިއަން ރުފިޔާއަކީ ސަރުކާރުން އިންވެސްޓްކުރާ އަދެވެ. ސަރުކާރުން އަމާޒަކީ ރާއްޖޭގެ ހަ ޒޯންގެ ތެރެއިން އަންނަ އަހަރު ދެ ޒޯނެއްގައި ފަށައި ހަ ޒޯންގައި އެއްކޮށް 2023 ގައި ފެށުމަށެވެ.