މަސްތުވާތަކެތި

ހއ. އަތޮޅުގެ ބައެއް ރަށްތަކަށް މަސްތުވާތަކެތި ލައްގަނީ

ހއ. އަތޮޅުގެ ބައެއް ރަށްތަކަށް މަސްތުވާތަކެތި އަޅާފައި ހުރި ޕެކެޓްތަކެއް ލައްގަން ފަށައިފި އެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި މަސްތުވާތަކެތި އަޅާފައި ހުރި ކަމަށް ބެލެވޭ ޕެކެޓްތަކެއް ހއ. ކެލާ އާއި ފިއްލަދޫ އާއި ވަށަފަރު އަދި ދިއްދޫގެ ގޮނޑުދޮށަށް ވަނީ ލައްގާފަ އެވެ. އަދި ފިއްލަދޫއަށް ވަރަށް ގިނަ އަދަދެއްގެ ޕެކެޓް ލައްގާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

ފުލުހުން ބުނީ މިކަމާ ގުޅިގެން މިހާރު ފުލުހުންގެ ޓީމެއް ހއ. އަތޮޅުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްތުވާތަކެތި އަތުލައިގަނެވޭ އަދަދު ދަނީ އިތުރުވަމުންނެވެ. އަދި މިފަދަ މައްސަލަތަކުގައި ބައިވެރިވެފައިވާ ބައެއް މީހުންގެ މައްޗަށް ދައުވާ ކުރެވި ޝަރީއަތްތައް ދަނީ ހިނގަމުންނެވެ.