ދުނިޔެ

ތުރުކީގެ އިންތިހާބު އިންސާފުވެރިއެއް ނޫން: ޔޫރަޕް

އިސްތަންބޫލް (ބީބީސީ) ވެރިކަން ކުރާ ޕާޓީން އެގައުމުގެ އާންމު އިންތިހާބު ކާމިޔާބު ކޮށްފައިވާއިރު، ޔޫރަޕްގެ އިދާރާތަކުން މި އިންތިހާބުގެ ކަންކަމާމެދު ފާޑުކިޔަން ފަށައިފިއެވެ. ތުރުކީގެ ރައީސް ތައްޔިޕް އެރްދޮގާން ވިދާޅުވީ ހުރިހާ ފަރާތްތަކުންވެސް ނަތީޖާއަށް އިހުތިރާމު ކުރަންޖެހޭނެ ކަމަށެވެ.

ވެރިކަންކުރާ ޕާޓީ އޭކޭޕީ ވަނީ ގާތްގަނޑަކަށް ފަންސާސް ޕަސެންޓް ވޯޓު ކާމިޔާބުކޮށްފައެވެ. މައި އިދިކޮޅު ޕާޓީއަށް ކާމިޔާބު ކުރެވުނީ ފަންސަވީސް ޕަސެންޓެވެ.

މި އިންތިހާބުގެ ކަންކަން ބެލި ޔޫރަޕްގެ އޮބްޒާވަރުން ބުނަނީ ސަރުކާރުން މީޑިޔާގެ މިނިވަންކަމަށް ހުރަސްއަޅާފައިވާ ކަމަށެވެ. ޔޫރަޕުގެ ސަލާމަތާ އެއްބާރުލުމުގެ ޖަމިއްޔާއިން ބުނީ ތުރުކީގެ ބައެއް ހިސާބުތަކުގައި ހިނގަމުންދާ ހަމަނުޖެހުމުގެ އަސަރު ވެސް އިންތިހާބުގެ ނަތީޖާއަށް ފޯރާފައިވާ ކަމަށެވެ. އަދި ޔޫރަޕް ކައުންސިލްގެ ޕާލިމަންޓަރީ އެސެމްބްލީން ބުނީ ޖުމްލަކޮށް މުޅި އިންތިހާބު އިންސާފުވެރި ނޫން ކަމަށެވެ.

އެރްދޮގާން ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ތަރައްގީއާއި ހަރުދަނާ ފިޔަވަޅުތަކެއް ކަން މި ވޯޓުން ރައްޔިތުން ދައްކުވައިދީފި ކަމަށެވެ. އަދި އެއް ޕާޓީއަކުން ފަންސާސް ޕަސެންޓު ހޯދުމުން ވެސް މީޑިޔާއާއި ބައިނަލްއަގްވާމީ މުޖަތަމައުގެ ފަރާތުން އިވޭ އަޑުތައް ތެދު ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މި އިންތިހާބުގައި އޭކޭޕީ އަށް 550 ގޮނޑީގެ ތެރެއިން 317 ގޮނޑި ލިބުނެވެ. މި ވޯޓުގައި ވޯޓުލެވޭ މީހުންގެ 85 އިންސައްތަ ބައިވެރި ވިއެވެ.