މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ޖަލު ފުުރި ބައެއް ގައިދީންނަށް މައާފް ދޭން އެދެނީ

ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ތިބި ބައެއް ގައިދީންނަށް މައާފުދީ އާ ޖަލުތަކެއް އަޅަން ސަރުކާރަށް ލަފާ ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުން މިގޮތަށް ފާސްކުރީ އައްސޭރި ޖަލުގައި ތިބި ގައިދީންގެ ކަންބޮޑުވުންތައް ފާހަގަކޮށް މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ފޮނުވި ޕެޓިޝަނެއްގެ މައްސަލަ ދިރާސާކޮށް ކޮމިޓީން ނިންމި ރިޕޯޓަށް މިއަދު ވޯޓަށް އަހައިގެންނެވެ. މިރިޕޯޓްގައި އައްސޭރި ޖަލާ ގުޅޭ ގިނަ މައްސަލަތަކެއް ފާހަގަކޮށް އިސްލާހުކުރަން ހިމަނާފައިވެ އެވެ.

މަޖިލީހުން މިރިޕޯޓް މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވި 23 މެމްބަރެއްގެ ތާއީދާ އެކު އެވެ.

ރިޕޯޓްގައި ލަފާދީފައިވާ ކަންކަމަށް ބަލާއިރު ކުދިކުދި ކުށްތައް ކުރާ މީހުން ލައްވާ މުޖުތަމައަށް ބޭނުން ހިފޭ މަސައްކަތްތަކެއް ކުރުމަށްފަހު އެ މީހަކު ކުރި ކުށަށް މައާފް ލިބޭ ނިޒާމެއް ގާއިމުކުރަން ވަނީ ހުށަހަޅާފަ އެވެ.

އައްސޭރި ޖަލުގެ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޖަލު މާބޮޑަށް ތޮއްޖެހިފައިވުމެވެެ. އެކަންވެ އެތަނުގައި ބަންދުކުރާ މީހުން މަދުކުރަން ޖަލުގައި ރަނގަޅަށް އުޅޭ އަދި ކުދިކުށްތައް ކޮށްފައިވާ މީހުންނަށް މައާފް ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެންނެވުމަށް ހުށަހަޅާފައިވެ އެވެ.

ޕެޓިޝަންގައި ސޮއިކޮށްފައިވާ އައްސޭރި ޖަލުގެ 220 ގައިދީންވެސް ވަނީ ރައީސަށް ދަންނަވައިގެން "އާންމު މައާފެއް" ތަންފީޒުކުރަން އެދިފަ އެވެ.

އައްސޭރި ޖަލު ފުރިފައިވާތީ ސަރުކާރުގެ ބަޖެޓުގެ ތެރެއިން ހައްލެއް ގެނެވެން އޮތް ނަަމަ އެކަމާމެދެ ކަމާބެހޭ މުއައްސަސާތަކާ އެކު މަޝްވަރާކޮށް ރާއްޖޭގެ އިތުރު ސަރަހައްދުތަކުގައި ޖަލުތައް އަޅަންވެސް ކޮމިޓީގެ ރިޕޯޓްގައި ލަފާ ދީފައިވެ އެވެ.

ރާއްޖޭގައި މިވަގުތު ހިންގަނީ ހަތަރު ޖަލާއި އެއް ޑިޓެންޝަން ސެންޓަރެވެ. އެއީ މާލެ، ހުޅުމާލެ، ހިންމަފުށި އަދި ކ. މާފުށީގައި ހިންގާ ޖަލެވެ. ޑިޓެންޝަން ސެންޓަރު ހިންގަނީ ހުޅުމާލޭގަ އެވެ.