ރީޖަނަލް އެއާޕޯޓްސް

"ކާޑެއްދޫއަށް އޮތް ފްލައިޓްތަކެއް ކެންސަލް ކުރި"

މިދިޔަ ހޯމަ ދުވަހު ގދ. ކާޑެއްދޫއަށް ތާވަލްކޮށްފައިވާ ފްލައިޓްތަކެއް ކެންސަލްކުރަން ޖެހުނު ކަަމަށާއި އަދި މިހާރު އެ މައްސަލަތައް ހައްލުކޮށްފައިވާ ކަަމަށް މޯލްޑިވްސް ރީޖަނަލް އެއާޕޯޓް ކޮމްޕެނީގެ އެމްޑީ މުހައްމަދު ރިޒްވީ ވިދާޅުވެއްޖެ އެވެ.

ރިޒްވީ އެފަދައިން ވިދާޅުވީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިއަދު މަޖިލީހުގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން ނެވެ.

މިއަދު މަޖިލީހުގެ ތަޅުމުގައި ސައީދު ވިދާޅުވީ މިދިޔަ ހޯމަ ދުވަހު ކާޑެއްދޫއަށް ޝެޑިއުލްކޮށްފައި އޮތް 11 ފްލައިޓެއް ކެންސަލްކުރަން ޖެހުނު ކަމަށެވެ.

"އަޅުގަނޑަށް މި މައުލޫމާތު ލިބެނީ އިއްޔެ ނޫނީ އޭގެ ކުރީ ދުވަހު ކާޑެއްދޫއަށް ދަތުރުކުރަން އޮތް 11 ފްލައިޓް މަޑުޖައްސަން މި ޖެހުނީ އެއާޕޯޓް އޮޕަރޭޓް ނުކުރެވިގެން. ދެން މި މައްސަލަ ބަލާއިރު މިވާގޮތަކީ އެ އެއާޕޯޓްގައި ހުރި ފަޔާ ލޮރީތަކާއި މި އިމެޖެންސީގައި ބޭނުންކުރާ ހުރިހާ އާލާތްތަކެއް މިހިރީ އައުޓް އޮފް އޯޑާގައި. މިހިރީ މަސައްކަތް ނުކުރެވިފައި. ހާއްސަކޮށް ފަޔާ ލޮރީ" ސައީދު ވިދާޅުވި އެވެ.

އެކަމާ ގުޅޭގޮތުން ރިޒްވީ ވިދާޅުވީ ފަޔާ ލޮރީތަކަށް މައްސަލަތަކެއް ދިމާވެގެން ފްލައިޓްތަކެއް ކެންސަލް ކުރަން ޖެހުނު ކަމަށެވެ. ނަމަވެސް 11 ފްލައިޓް ކެންސަލްކުރަން ޖެހުނު ކަމަށް ސައީދު ވިދާޅުވިޔަސް ކެންސަލް ކުރަން ޖެހުނީ އެންމެ ދެ ފްލައިޓް ކަމަށެވެ. އަދި އެކަން މިހާރު ހައްލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން މިހާރު އެވްރެޖްކޮށް ކާޑެއްދޫއަށް ދަތުރުކުރަނީ ހަތަރު ފްލައިޓެވެ.

ރިޒްވީ ވިދާޅުވީ ފާއިތުވި އަހަރުތަކުގައި އެއާޕޯޓްގެ ވަސީލަތްތައް ތަރައްގީކޮށް މުވައްޒަފުން ތަމްރީންކުރަން މާބޮޑު މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ. އަދި ބައެއް ސާމާނުތައް ރަނގަޅަށް މެއިންޓެއިންވެސް ކޮށްފައިނުވާ ކަމަށެވެ. އެހެން ކަންތައްތައް ހުރި ނަމަވެސް އެއާޕޯޓްގައި ގާބިލް ޓީމެއް އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.