ދުނިޔެ

ޔޫރޭނިއަމް މުއްސަނދިކުރާ ޕްލާންޓުތައް އީރާނުން ނިއްވާލަނީ!

ތެހްރާން (ރޮއިޓާރސް) ބާރުގަދަ ހަ ގައުމަކާއެކު އީރާނުން ހަދާފައިވާ ނިއުކްލިއާ އެއްބަސްވުމަށް އަމަލު ކުރަން ފެށުމުގެ ގޮތުން އީރާނުން ޔޫރޭނިއަމް މުއްސަނދިކުރާ ބައެއް މެޝިނުތަކުގެ މަސައްކަތް ހުއްޓުވައިފި ކަމަށް އެގައުމުން މިއަދު ބުނެފިއެވެ.

އީރާނުން ބުނީ އެގައުމުން ކުރަންޖެހޭ ކަންކަން މިހާރުވެސް މިވަނީ ފަށާފައި ކަމަށެވެ. އަދި މިހާރު ފަށާފައި މިވާ މަސައްކަތް ދެމަސް ދުވަސް ތެރޭ ނިންމާލެވޭނެ ކަމަށެވެ.

ތެހްރާންގެ އެޓަމިކް ހަކަތައާ ބެހޭ ވެރިޔާ ވިދާޅުވީ މި ނިއުކްލިއާ ޑީލްއާއި ގުޅުން ހުރި ކަންކަމުގައި ހުރިހާ ފަރާތަކުންވެސް ހަމަހަމަ އުސޫލެއް ގެންގުޅުން މުހިންމު ކަމަށެވެ. އީރާނުން މި ބުނާ ވާހަކައަކީ އެގައުމުން އެގައުމު ވައުދުވި ކަންކަން ކުރަމުންދާއިރު އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައްވެސް ކަނޑައެޅިފައިވާ މުއްދަތުގައި އުވާލުމުގެ މުހިންމު ކަމުގެ ވާހަކައެވެ.

އެމެރިކާއިން އިސްވެ އޮވެ އީރާނާއި އެކު ޖުލައި މަހު ހެދި ނިއުކްލިއާ އެއްބަސްވުމުގައި ވާގޮތުން އދ. ގެ ބެލުމުގެ ދަށުން އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމް "ހަނި ކޮށް" ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ގާބިލްކަން ނުލިބޭނެ ފަދަ ގޮތަކަށް އެ ޕްރޮގްރާމް ބައްޓަން ކުރަން ޖެހެއެވެ. އޭގެ ބަދަލެއްގެ ގޮތުން އެގައުމާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ޖެހޭނެއެވެ.