ދުނިޔެ

ގޫގްލް އެނބުރި ޗައިނާއަށް

ކެލިފޯނިއާ (ބީބީސީ) މީގެ ފަސް އަހަރު ކުރިން ޗައިނާއިން "ފޭބި" ގޫގްލް އެނބުރި ޗައިނާއަށް ގޮސް އެގައުމުގައި ކުންފުނީގެ ދައުރު ފުޅާކުރަން ނިންމާފައިވާ ކަމަށް ގޫގްލްގެ މައި ކުންފުނި އެލްފަބެޓްގެ ޗެއާމަން އެރިކް ޝްމިޓް ވިދާޅުވެއްޖެއެވެ.

ގޫގްލްއިން 2010 ގައި ޗައިނާ ދޫކޮށްލީ އެގައުމުގެ ސަރުކާރުގެ މައްޗަށް ތުހުމަތު ތަކެއް ކުރުމަށް ފަހުއެވެ. އޭރު ގޫގްލް އިން ބުނީ ސާޗް ރިޒަލްޓްތައް ކުންފުނީގެ ފަރާތުން ސެންސަރުކުރާ އުސޫލެއް ގެންގުޅެން ބޭނުން ނުވާ ކަމަށެވެ. އެކަމަކު އެއީ ޗައިނާ ސަރުކާރުން ބޭނުންވި ގޮތެވެ. މީގެ އިތުރުން ގޫގްލް އިން އޭރު ބުނީ އެކުންފުންޏާއި އެހެން ބައެއް ޓެކް ކުންފުނިތަކާ ދެކޮޅަށް ދިން ސައިބާ ހަމަލާއެއްގެ ފަހަތުގައި އޮތީ ޗައިނާ ސަރުކާރު ކަމަށެވެ.

އެހެން ނަމަވެސް ގޫގްލް އިން ބުނީ އޭރުވެސް ޗައިނާ މުޅިން ދޫކޮށްނުލާ ކަމަށެވެ. އަދި މިހާރުވެސް ޗައިނާގައި އެކުންފުނީގެ ވިޔަފާރީގެ ބައިވެރިން އެބަ ތިބި ކަމަށާއި އަދި އެގައުމުގެ ސަރުކާރާ އެކު އޭރުން ފެށިގެން އަދިވެސް ވާހަކަތައް ކުރިއަށްދާ ކަމަށެވެ.

ޗައިނާގައި ގޫގްލްއިން ފަށާނެ ހިދުމަތްތަކާ ބެހޭ ތަފްސީލު އަދި އެކުންފުނިން ހާމަކޮށްފައެއް ނުވެއެވެ. އެކަމަކު ޓެކް އެނަލިސްޓުން ބުނަނީ އެންޑްރޮއިޑް ޕްލޭސްޓޯރުގެ ޗައިނާ ވާޝަނެއް ތައާރަފް ކުރުން ގާތް ކަމަށެވެ. އެހެން ކަމަށް ވެއްޖެ ނަމަ، މިއީ ގޫގްލްއަށް ވިޔަފާރީގެ ބޮޑު ކުރިއެރުމެއް ލިބުން ގާތް ފިޔަވަޅެކެވެ.

ޗައިނާގެ ބޮޑު އާބާދީ އަކީ ހައި-ޓެކް އުފެއްދުން ތަކަށް ފޯރި ހުންނަ ބަޔަކަށް ވާތީ ޓެކް ކުންފުނިތަކަށް އެ ގައުމަކީ މުހިންމު މާކެޓެކެވެ.