ދުނިޔެ

މިސްރުގައި ދެ ރޭލުޖެހި 32 މީހުން މަރުވެ، 108 މީހުން ޒަހަމް

މިސްރުގައި ދެ ރޭލުޖެހި ހިނގި އެކްސިޑެންޓެއްގައި 108 މީހުން ޒަހަމްވެ 32 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ. މި ހާދިސާ ހިނގާފައި ވަނީ ވެރިރަށް ކައިރޯގެ ދެކުނުން 460 ކިލޯމީޓަރު ދުރުގައި އޮންނަ ސޫހާޖް ޕްރޮވިންސްގެ އަލް އިބްރާހިމިއްޔާ ސަރަހައްދުގަ އެވެ. އަދަދުތައް މިއަށް ވުރެ އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސިއްހީ އިދާރާއިން ބުނެ އެވެ.

މިސްރުގެ ރޭލްވޭ އޮތޯރިޓީން ބުނީ ހާދިސާ ތަހުގީގު ކުރަން ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި ޒަހަމްވި މީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ކަމަށް ރޭލްވޭ އޮތޯރިޓީން ބުނީ އެއްދަގަނޑުގައި ދުއްވާފައި ދިއަ ދެރޭލުގެ ތެރެއިން ކުރީގައި އޮތް ރޭލުގެ އެމެޖެންސީ ބުރެކިޖެހުމުގެ ސަބަބުން ރޭލު ހުއްޓި ފަހަތުން އައި ރޭލު މުޑިއެރީ ކަމަށެވެ. އެމެޖެންސީ ބުރެކި ޖެއްސީ ކާކުކަން ނޭނގޭ ކަމަށް އޮތޯރިޓީން ބުނެ އެވެ.

މިސްރުގައި ރޭލް އެކްސިޑެންޓް ހިނގުމަކީ އާންމު ކަމެެކެވެ. ދޭތެރެ ދޭތެރެއިން ވަރަށް ނުރައްކާތެރި ހާދިސާތައް ވެސް ހިނގަ އެވެ. ރިޕޯޓްތަކުން ފެންނަން ހުރި ހާދިސާތަކަށް ބަލާއިރު 2002 ގައި ހިނގި ރޭލް އެކްސިޑެންޓެއްގައި 373 މީހުން މަރުވެފައިވެ އެވެ. މިދިއަ އަހަރު މާޗްގައި ހިނގި އެކްސިޑެންޓެއްގައި 13 މީހުންނަށް ބޮޑެތި އަނިޔާލިބިފައިވެ އެވެ.

މިސްރުގައި ރޭލް ދަގަނޑުތައް ބާވެ އަދި ދުރުރާސްތާ ރޭލުތައް މަރާމާތުނުކުރެވި ގިނަދުވަސްވުން ބޮޑު މައްސަލައަކަށް ވަނީ ވެފަ އެވެ. މިފަދަ ހާދިސާތައް ހިނގަން މެދުވެރިވާ ސަބަބަކީ ރަނގަޅު އަދި ޒަމާނީ ރޭލްވޭ ނިޒާމެއް ނެތުމުން ކަމަށް ބުނެވެ އެވެ.

މިސްރުގައި ދެރޭލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިގެން އުޅޭއިރު ސުއޭޒް ކެނަލްގައި އަންގާރަ ދުވަހު ބިޔަ ކާގޯ ބޯޓެއް ތާށިވެ ދަރުފަތުރު ވަނީ ތޮއްޖެހިފަ އެވެ. ދުނިޔޭގެ ބައްރުތަކަށް މުދާ އުފުލުމުގައި ހުރަސްކުރަން ޖެހޭ މުހިންމެ މަގެއް ބަންދުވުމާ ގުޅިގެން ވިޔަފާރިވެރިންނަށް އަދި މިސްރަށް ވެސް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް މިހާރު ވަނީ އަންދާޒާކޮށްފަ އެވެ.