ލައިފްސްޓައިލް

ބާތު ޑޭ ފާހަގަކުރަނިކޮށް މޫނުގައި ރޯވެއްޖެ

އުފަން ދުވަސް ފާހަގަ ކުރަމުން ދިޔަ މީހަކު އޭނާގެ އުފަން ދުވަހުގެ ކޭކު ފަޅަނިކޮށް މޫނުގައި ރޯވެއްޖެ އެވެ. މި މަހުގެ ކުރީކޮޅު ހިނގި މި ހާދިސާގައި މި މީހާގެ މޫނުގައި ރޯވީ އޭނާގެ ރައްޓެއްސަކު އޭނާގެ މޫނަށް ސްނޯ ފޯމް ޖެހުމުން އޭގައި ހުޅު ހިފައިގެންނެވެ.

ސްނޯ ފޯމުގައި ހުޅުހިފީ ކޭކުގައި ދިއްލާފައި އިން އުއްބައްތީގެ ހުޅުކޮޅުންނެވެ. މި މަންޒަރު ފެންނަ ވީޑީއޯއެއް މީހަކު އިންސްޓަގްރާމްގައި ޝެއާ ކޮށް މި ވީޑީއޯ މިހާރު ވަނީ ވައިރަލް ވެފަ އެވެ.

މި ވީޑިއޯއިން ފެންނަނީ އުފަން ދުވަސް ފާހަގަ ކުރި މީހާ ކޭކު ފަޅަން ތައްޔާރުވާ ތަނެވެ. އޭނާގެ ވަށައިގެން އެކުވެރިންނާއި އާއިލާގެ މީހުންތައް ތިއްބެވެ. އަދި ސްޕާކްލް ވާ ވައްތަރުގެ އުއްބައްތިއެއް ކޭކުގައި ބައިންދާ ރޯކޮށްލާތަން ދެން ފެނެ އެވެ. އެ މީހާ ކޭކު ފަޅަން ފަށާ ވަގުތު އޭނާގެ އެކުވެރިޔަކު އޭނާގެ މޫނާ ދިމާލަށް ސްނޯ ފޯމް ސްޕްރޭ ކުރުމުން ހިނދުކޮޅެއްގެ ތެރޭގައި އެމީހާގެ މޫނުގައާއި ވައިގެ ތެރޭގައި ހުރި ސްނޯ ފޯމްގައި ރޯވަނީ އެވެ.

އެމީހާގެ އެކުވެރިން އަލިފާން ނިއްވަން މަސައްކަތްކުރާތަން މި ވީޑީއޯގައި ދެން ފެނެ އެވެ.

މި ވީޑިއޯ ޕޯސްޓްކުރި މީހާ ކެޕްޝަނަކަށް ލިޔެފައި ވަނީ ޕާޓީތަކުގައި ފޯމް ސްޕްރޭ ބޭނުން ނުކުރާށޭ އެވެ.

"ޕާޓީ ތަކުގައި ސްނޯ ފޯމް ނުވަތަ ޕާޓީ ފޯމް ބޭނުން ނުކުރާތި. ޕާޓީ ފޯމްގައި ލޮލަށް ގެއްލުންވާ ކެމިކަލްސް އެކުލެވޭ. އެހެންވެ އޭގެ އަސަރު ލޮލަށް ކޮށްފިއްޔާ ވަރަށް ހިރުވާނެ. އަދި ޕާޓީ ފޯމް އަކީ ވަރަށް ފަސޭހައިން ހުޅުހިފާ ޒާތުގެ އެއްޗެއް. އެ ފުޅީގެ ބޭރުގައި ވެސް ލިޔެފައި ވާނެ އަލިފާން ހުންނަ ތަންތަނުގައި ބޭނުން ނުކުރަން. މި ޕާޓީގައި މި ހަދާ ހިތާމަވެރިކަމެއް މި މެދުވެރިވީ އޭގައި އިރުޝާދު ދީފައިވާ ގޮތަށް އަމަލު ނުކުރީމަ. ވަރަށް ގިނަ ޕާޓީތަކުގައި މިކަން މިހާރު މިގޮތަށް އެބަ ހިނގާ،" ވީޑިއޯގެ ކެޕްޝަންގައި ލިޔެފައި ވެއެވެ.

މި ވީޑިއޯ ވައިރަލް ވުމުން ގިނަ ބަޔަކު ވަނީ ވަރަށް ބޮޑު ޝޮކެއް ލިބިއްޖެ ކަމަށް ބުނެ ކޮމެންޓް ކޮށްފަ އެވެ. އަދި މިފަދަ ސްޕްރޭތައް ޕާޓީތަކުގައި ބޭނުން ނުކުރަން ގިނަ ބަޔަކު އިލްތިމާސް ކޮށްފައި ވެއެވެ.