މީޑިއާނެޓް

މޭގަން އާއި ހެރީގެ ހާއްސަ އިންޓަވިއު މީޑިއާނެޓަށް

އިނގިރޭސި ޝާހީ އާއިލާއަށް ނިސްބަތްވާ ޕްރިންސް ހެރީ އާއި އަނބިކަނބަލުން މެގަން މާކްލް، އޮޕްރާ ވިންފްރީ އަށް ދެއްވި ތާރީހީ އިންޓަވިއު މީޑިއާނެޓްގައި ދައްކަން ނިންމައިފި އެވެ.

މިމަހުގެ ހަތްވަނަ ދުވަހު އޮން-އެއާ ކުރި މި އިންޓަވިއު ވަނީ މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސްފަ އެވެ. މި އިންޓަވިއުގައި ޝާހީ އާއިލާއާ ގުޅޭ މިހާތަނަށް މީހުންނަށް އެނގިފައި ނެތް ވަރަށް ގިނަ މައުލޫމާތުތައް ހެރީ އާއި މެގަން ހިއްސާކުރައްވާފައިވެ އެވެ.

މީޑީއާނެޓުން މި އިންޓަވިއު ދައްކަން ނިންމާފައި ވަނީ މާދަމާ ރޭ 7:30 ގަ އެވެ. މި އިންޓަވިއުގެ ރިޕީޓް އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ 7:30 ގައި ދައްކާނެ ކަމަށްވެސް މީޑިއާނެޓުން މައުލޫމާތުދެ އެވެ. މި އިންޓަވިއު ފެނިގެންދާނީ މީޑިއާނެޓް އިންފިނިޓީ އެޗްޑީ (817 ޗެނަލް) އިންނެވެ.

ހެރީ އާއި މެގަންގެ މި އިންޓަވިއު އަކީ ޕްރިންސަސް ޑަޔާނާ 1995 ގައި ދެއްވި އިންޓަވިއު އަށްފަހު އިނގިރޭސި ޝާހީ އާއިލާގެ ހަގީގަތްތައް އާންމުންނަށް ހާމަވި ފުރަތަމަ ފަހަރެވެ. އެ ފަހަރު ޑަޔާނާ ވަނީ ޗާލްސް އާއި އޭނާގެ ކައިވެނީގައި ޖެހުނު މައްސަލަތަކާއި ވަރިވާން މެދުވެރިވީ ސަބަބުތައް ވަރަށް ތަފްސީލުކޮށް ކިޔައިދެއްވާފަ އެވެ.