ސިވިލްސާވިސް ކޮމިޝަން

ސީއެސްސީގެ ކެޓަގަރީގައި ހާލަތު ބަލާނެ މިންގަނޑު ކަނޑައަޅަން ލަފާ ދީފި

ހިޔާ މަޝްރޫއުގެ ދަށުން އެޅި ފްލެޓްތަކުގެ ތެރެއިން ސިވިލް ސާވިސްގެ ކެޓަގަރީން ފްލެޓް ލިބުނު މީހުންގެ ހާލަތު ބަލާނެ މިންގަނޑު އަލުން އެކުލަވާލުމަށް މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ލަފާދީފި އެވެ.

ނިމިގެން ދިޔަ ސަރުކާރުން ސިވިލް ސާވިސް ކެޓަގަރީން ފްލެޓްތައް ދިންއިރު ދިިރިއުޅުމުގެ ހާލަތަށް ބަލާފައެއް ނުވެ އެވެ. އެ ފްލެޓްތައް ދިނުމުގައި ބަލާފައިވަނީ ސަރުކާރުގައި އުޅުނު މުއްދަތަަށާއި، ވަޒީފާގެ ގިންތިއާއި، ދަރިންގެ އަދަދާއި، ނުކުޅެދުންތެރި ކުދިން ތިބި އަދަދަށެވެ. ނަމަވެސް އެހެން ހުރިހާ ކެޓަގަރީން ފްލެޓްތައް ދިންއިރު ދިރިއުޅުމުގެ ހާލަތަށް ރިއާޔަތްކޮށްފައިވެ އެވެ.

އެހެންވެ މި ސަރުކާރުން އަލުން ފްލެޓްތަކުގެ ހައްގުވެރިން ކަށަވަރުކުރިއިރު އެހެން ކެޓަގަރީތަކެކޭ އެއްފަދައިން ސިވިލް ސާވިސް ކެޓަގަރީން ފްލެޓް ދިންއިރުވެސް ދިރިއުޅުމުގެ ހާލަތަށް ބެލި އެވެ. އަދި 50 ޕަސެންޓަށް ވުރެ ދަށުން މާކްސް ލިބުނު ސިވިލް ސާވަންޓުންނަށް ފްލެޓް ނުދެ އެވެ.

ސީއެސްސީގެ ކެޓަގަރީން މިސަރުކާރުގައި އަލުން ފްލެޓް ދިންއިރު ދިރިއުޅުމުގެ ހާލަތަށް ބެލިކަމަށް ބުނި ނަމަވެސް ދިރިއުޅުމުގެ ހާލަތަށް ބެލި ގޮތުގެ އުސޭލެއް ލިޔުމުން ފެންނާކަށް ނެތެވެ.

އެހެންކަމުން ދިރިއުޅުމުގެ ހާލަތު އެހެން ކެޓެގަރީ ތަކުގައި ވަޒަންކުރި މިންގަނޑުން ސިވިލް ސަރވިސްގެ މުވައްޒަފުންގެ ހާއްސަ ކެޓަގަރީއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ވަޒަންކޮށް ޕޮއިންޓް ދޭނެ އުސޫލެއް ފްލެޓްތަކުގެ މައްސަލަ ބަލައި ކޮމިޓީން ކަނޑައަޅައި، އެ ކެޓަގަރީ އަލުން މުރާޖައާ ކުރުމަށް ވެސް ކޮމިޓީން ވަނީ ލަފާ ދީފަ އެވެ.