މިނިސްޓްރީ އޮފް އެޑިއުކޭޝަން

އޮކްޓޯބަރުގައި އޭ ލެވެލް އިމްތިހާނު ހެދުމުގެ ފުރުސަތު ދެނީ

މި އަހަރުގެ އެޕްރީލް/ މެއި ގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭލެވެލް އަދި އޭއެސް ލެވެލް އިމްތިހާނުގައި ބައިވެރިވާން އެދިފައިވާ ގްރޭޑް 12 ގެ ދަރިވަރުންނަށް އެކުދިން ބޭނުން ނަމަ މިއަހަރުގެ އޮކްޓޫބަރު/ ނޮވެންބަރު ގައި އޮންނަ އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޕްރީލް/ މެއި ގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭލެވެލް އަދި އޭއެސް ލެވެލް އިމްތިހާނުގައި ބައިވެރިވާން އެދިފައިވާ ގްރޭޑް 12 ގެ ދަރިވަރުންނަށް އެކުދިން ބޭނުން ނަމަ މިހާރު އެޕްލިކޭޝަން ވިތްޑްރޯ ކުރުމަށް ފަހު މިއަހަރުގެ އޮކްޓޫބަރު/ ނޮވެންބަރު ގައި އޮންނަ އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

ވިތްޑްރޯ ކުރާ ދަރިވަރުންނަށް ސުކޫލު ނަމުގައި އަލުން ބައިވެރިވެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ. އަދި މިގޮތަށް ވިތްޑްރޯ ކުރެވޭނީ އައިއޭއެލްގެ މާއްދާތަކުން އެކަނި ކަމަށްވެސް ވަނީ ބުނެފައެވެ. އެޗްއެސްސީ އިމްތިހާނު ހަދާ ދަރިވަރުންނަށް އެ އިމްތިހާނު މިހާރު ތާވަލު ކުރެވިފައިވާ ގޮތަށް ކުރިއަށް ގެންދާނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އިމްތިހާނު ވިތްޑްރޯ ކުރަން ބޭނުންވާ ދަރިވަރުންގެ މައުލޫމާތު މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12 ގެ ކުރިން ސުކޫލު މެދުވެރިކޮށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންއަށް އެންގުމަށް އެދޭ ކަމަށެވެ.

ގަދަ 10 އަކަށް ދަރިވަރުން ހޮވުމުގަ އާއި ޕްރެޒިޑެންޝިއަލް ސްކޮލާޝިޕް ދިނުމުގައި ބަލާނީ އޭޕްރީލް/މޭ ގެ އިންތިހާނު ނަތީޖާއަށް ކަމަށްވެސް އެޑިއުކޭޝަނުން ބުންޏެވެ.