ރަޝިޔާ

ރަޝިޔާގެ ތާއީދު އަސަދަށް ގެއްލެނީ؟!

Nov 3, 2015

މޮސްކޯ (ބީބީސީ) - ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު ވެރިކަމުގައި ބެހެއްޓުމަކީ އެންމެ މުހިންމު ކަންތައް ނޫން ކަމަށް ރަޝިޔާއިން ބުނެފިއެވެ.

މިއީ މިހާތަނަށް އަސަދުގެ ދިފާއުގައި އަބަދުވެސް އޮތް ރަޝިޔާއިން އަސަދަށް ކުރާ ތާއީދު ފިނި ވަމުން ދާކަން ދޭހަވާ ގޮތަށް ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.

ރަޝިޔާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ އަސަދު ވެރިކަމުގައި ހުންނަން ޖެހޭނެ ކަމަށްވެސް އަދި ވެރިކަމުން ދުރުކުރަން ޖެހޭނެ ކަމަށް ވެސް ރަޝިޔާ ނުދެކޭ ކަމަށެވެ. އަދި އެއީ ރަޝިޔާއިން ހިފަހައްޓާ އުސޫލުތަކުގެ މަތީގައި އޮތުމަށް އެހާ މުހިންމު މައްސަލައެއް ނޫން ކަމަށެވެ. ކުރިން ރަޝިޔާއިން އަބަދުވެސް ބުނަމުން އައީ ސީރިޔާގެ ކުރިމަގު އޮތީ އަސަދާއި އެކު ކަމަށެވެ.

ސީރިޔާގެ މައްސަލަ ހައްލު ކުރުމަށް ބާރުގަދަ ގައުމު ތަކުގެ މެދުގައި މިހާތަނަށް އެންމެ ދަބަސްވުން ބޮޑު މައްސަލައަކީ ވެސް އަސަދުގެ މައްސަލައެވެ. އެމެރިކާ، ޔޫރަޕް އަދި ސައުދީ އަރަބިއްޔާއާއި ގަލްފުގެ ގައުމު ތަކުން ބުނަނީ އަސަދުގެ ވެކރިކަން ނިމުމަކަށް ނުގެނެސް ސީރިޔާ ހަނގުރާމަ ނުހުއްޓުވޭނެ ކަމަށެވެ. އަސަދުގެ ކޮޅުގައި މިހާތަނަށް އޮތީ ރަޝިޔާއާއި އީރާނެވެ.

ރަޝިޔާއިން އަސަދުގެ ކޮޅު ދޫކޮށްލައިފި ނަމަ އޭނާއަށް ސީރިޔާގެ ވެރިކަން ދިފާއު ކުރެވޭނެ ކަމަކަށް ނުބެލެވެއެވެ.