ރައީސް މުހައްމަދު ނަޝީދު

ހަ މެންބަރަކު ދާއިރާގައި ތިއްބެވި ސަބަބު ބަލަނީ

ރައްޔިތުންގެ މަޖިލީހުގެ ހަ މެމްބަރަކު އެ މެމްބަރުންގެ ދާއިރާއަށް ވަޑައިގެންނެވީ ރަސްމީ މަސައްކަތެއްގައިތޯ ބަލަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ ހަ މެމްބަރަކު ދާއިރާތަކަށް ވަޑައިގެންނެވި ހައިސިއްޔަތު ބަލަން މަޖިލީހުގެ އާންމު ކޮމެޓީގެ މަޝްވަރާއަކަށް އެދި މިހާރު ފޮނުވާފައި ވާނެ ކަަމަށެވެ.

"ކެމްޕޭންގެ މަސައްކަތަށްޓަކައި ރަށްރަށަށް ވަޑައިގަންނަވާ ވަޑައިގެންނެވުން، ދާއިރާއަށް ވަޑައިގަންނަވާ ވަޑައިގެންނެވުން އެއީ އަޅުގަނޑަށް ފެންނަ ފެނުމުގައި މަޖިލީހުގެ ސިޔާސީ މަސައްކަތެއް،" ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް 16 މެންބަރަކު ވަޑައި ނުގަންނަވަ އެވެ. އޭގެތެރެއިން ހަ މެންބަރަކު އެ ބޭފުޅުންގެ ދާއިރާގައި ތިއްބެވި އިރު އަށް މެންބަރަކު ތިއްބެވީ ކަރަންޓީނުގަ އެވެ. އަދި ދެ މެންބަރަކު ސަލާމްގަ އެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ވާދަ ކުރައްވާ ބައެއް ކެންޑިޑޭޓުންނަށް ކެމްޕޭން ކޮށްދިނުމަށް ވެސް ބައެއް މަޖިލިސް މެމްބަރުން ދަނީ އެބޭފުޅުން ނިސްބަތްވާ ދާއިރާތަކަށް ވަޑައިގަންނަވަމުންނެވެ. އަދި ކެމްޕޭންތަަކަށް ރަށްރަަށަށް ވަޑައިގަންނަވަން ބޭނުންވާ މެންބަރުން އެކަން ސީދާ ރައީސް ނަޝީދަށް ހުށަހެޅުއްވުމަށް ވެސް އެމަނިކުފާނު މީގެ ކުރިން ވަނީ އެދިވަޑައިގެންފަ އެވެ.

ކެމްޕޭނަށް ރަށްރަށަށް ދިއުމަށް ފަހު 10 ދުވަސް ކަރަންޓީނު ވާން ޖެހެ އެވެ. ނަމަވެސް މަޖިލިސް މެމްބަރުންނާއި އެނޫން ވެސް ސަރުކާރުގެ އިސްފަރާތްތަކުން ރަށްރަށަށް ގޮސް ކަރަންޓީނު ނުވާ ކަމަށް އިދިކޮޅު ޕީޕީއެމުން ގެންދަނީ ބުނަމުންނެވެ.