ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

އޮންޓޮޕްރޮނާސް ލައިވް ވެބިނާ ސީރީސް ލޯންޗްކޮށްފި

ޒުވާނުންގެ މެދުގައި އަމިއްލަ ވިޔަފާރިކުރުގެ ތަޖުރިބާ އާއި ހުނަރު ބަދަލުކުރުމުގެ ޕްލެޓްފޯމެއް ގާއިމްކުރުމުގެ ގޮތުން ފެށި އޮންޓޮޕްރޮނާސް ލައިވް ވެބިނާ ސީރީޒް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު އިފްތިތާހްކޮށްދެއްވައިފި އެވެ.

މިއީ މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން ވޯލްޑް ބޭންކުގެ އެހީގައި 20 މިލިއަން ޑޮލަރުގެ މަޝްރޫއެއްގެ ދަށުން ހިންގާ މިރީ ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ ވެބިނާ އެކެވެ. އަދި ވެބިނާ މެދުވެރިކޮށް ޒުވާން ވިޔަފާރިވެރިން އަދި އަމިއްލަ ފަރުދުންގެ މެދުގައި ވިޔަފާރިކުރުމާއި ގުޅޭ މައުލޫމާތު ހިއްސާކުރާނެ އެވެ. ހާއްސަކޮށް ތަފާތު ދާއިރާތަކުގެ ވިޔަފާރިވެރިންގެ ތަޖުރިބާ ހިއްސާކުރުން ހިމެނެ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ވެބިނާ އަކީ އަމިއްލަ ވިޔަފާރި ފެށުމަށް ޝައުގުވެރިވާ ޒުވާނުންނަށް ލިބޭ ރަނުގެ ފުރުސަތަކަށް ވެގެން ދާނެ ކަމަށެވެ.

އެ ވެބިނާ އިފްތިތާތާހު ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ވެބިނާ މެދުވެރިކޮށް ޒުވާނުންނަށް އާ މައުލޫމާތު
ލިބި ނެޓްވާކް ކުރަން އާ ފުރުސަތުތައް ފަހިވެ އެ ޕްލެޓްފޯމް މެދުވެރިވެ ތަޖުރިބާ ހިއްސާކޮށް އެކަކު އަނެކެއްގެ ކިބައިން މައުލޫމާތު ލިބި، ބަދަލުކުރެވިގެން ދާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މީރީ މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމާއި ޓެކްނިކަލް ވޮކޭޝަނަލް ދާއިރާ އާއި ވިޔަފާރީގެ ހުނަރުތައް ތަރައްގީކުރުމެވެ. އެގޮތުން އެ ޕްރޮޖެކްޓުން އިސްކަންދޭ ދާއިރާތަކަކީ ފަތުރުވެރިކަން، ފަތުރުވެރިކަމާއި ގުޅޭ އުމްރާނީ މަސައްކަތް، އައިސީޓީ އަދި ދަނޑުވެރިކަމެވެ

ހަތަރު ސެޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ ވެބިނާގެ ސެޝަންތަކުގެ ރެކޯޑިންގ މީރީ ޕްރޮޖެކްޓްގެ ވެބްސައިޓްގައްޔާއި ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި އާންމުކޮށް ފެންނާން ހުންނާނެއެވެ.

މިއަދުގެ ވެބިނާ ސެޝަންގައި މީރީ ޕްރޮޖެކްޓްގެ ފަރާތުން ރާވާ އިންތިޒާމުކުރާ "ޕިޗް-އަޕް: ޔޫތު އެންޓްރޮޕްރިނުއަރޝިޕް ޗެލެންޖް" ވަނީ ތައާރަފްކޮށްފަ އެވެ. އަންނަ މަހު ފަހެއްގައި ފަށާ އެ މުބާރާތުގައި އާ ވިޔަފާރީގެ އުފެއްދުންތެރި ހިޔާލާއި ވިސްނުންތައް ހުށަހަޅާ އެ ކަންކަން ފަށައިގަތުމަށް ޒުވާނުންނަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭން ވަނީ ނިންމައިފަ އެވެ.