ރައްޔިތުންގެ މަޖިލިސް

ޓީއޭސީ މުއާހަދާގައި ބައިވެރިވާން ރުހުން ހޯދަން މަޖިލީހަށް

ޓްރީޓީ އޮފް އެމިޓީ އެންޑް ކޯޕަރޭޝަން އިން ސައުތު އީސްޓް އޭޝިއާ (ޓީއޭސީ) މުއާހަދާގައި ރާއްޖެން ބައިވެރިވާން ރުހުން ހޯދަން މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ

ޓީއޭސީއަކީ އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިއަން ނޭޝަންސް (އާސިއާން) ގައި ހިމެނޭ މެންބަރު ގައުމުތަކުގެ މެދުގައި 1976 ވަނަ އަހަރު ސޮއި ކުރި މުއާހަދާއެކެވެ. އެ މުއާހަދާ އެކުލަވައިލާފައި ވަނީ އާސިއާންގެ ގައުމުތަކުގެ ގުޅުންތައް، ކަނޑައެޅިފައިވާ އުސޫލުތަކެއްގެ މަތިން ދެމެހެއްޓުމުގެ މަގްސަދުގައެވެ. އޭގެ ތެރޭގައި ސައުތް އީސްޓް އޭޝިޔާގެ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް، އެ ސަރަހައްދުގެ ސުލްހަ މަސަލަސްކަން ގާއިމުކުރުމާއި، މުއާހަދާގައި ބައިވެރިވާ އާންމު ފަރާތްތަކުގެ މަސްލަހަތުތައް ހިމާޔަތްކުރުމާ ގުޅޭ ދާއިރާތަކުން ގުޅުން ބަދަހިކުރަންވާނެ ކަމުގައި އެ މުއާހަދާގައި ބަޔާންކޮށްފައިވެއެވެ.

އެ މުއާހަދާގައި ބައިވެރިވުމަށް ގޮތެއް ނިންމުމުގެ ގޮތުން މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމެޓީއަށް މިއަދު ފޮނުވި އެވެ. އަދި އެ ކޮމެޓީން އެކަން ދިރާސާކުރުމަށް ފަހު ރިޕޯޓް ނިންމުމުން މަޖިލީހުގެ ތަޅުގައި ވޯޓެއް ނަގާނެ އެވެ.

ރާއްޖެއިން ޓީއޭސީ މުއާހަދާގައި ބައިވެރިވުމުން، އާސިއާންގެ ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ސިޔާސީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާވެ، އެކި ދާއިރާތަކުން ދިވެހި ރާއްޖެއަށް ބޭނުންވާ ފަންނީ އެހީތެރިކަން ލިބުމަށް މަގުފަހިވެގެންދާނެކަމަށް ފޮރިން މިނިސްޓްރީން ކުރިން ބުނެފައި ވެއެވެ.