ޑރ. އައިޝަތު އަލީ

ގަދަ 10 ހޮވުމާއި ސްކޮލާޝިޕް ދިނުމަށް ބަދަލެއް

ދަރިވަރުން ކަންބޮޑުވުންތައް ފާޅު ކުރަމުން ދާތީ އޭލެވެލް އަދި އޭއެސް ލެވެލް ހަދާ ދަރިވަރުންގެ ތެރެއިން ގަދަ 10 ހޮވުމާއި ސްކޮލާޝިޕް ދިނުމުގެ އުސޫލު އަލުން މުރާޖާ ކުރުމަށް ފަހު ބަދަލު ގެނެސްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

އޭ ލެވެލް އިމްތިހާން ހަދާ ދަރިވަރުންގެ އިމްތިހާނު ކުރިން ވަނީ އޭޕްރީލް / މޭ އަށް އަވަސް ކޮށްފަ އެވެ. އެކަމާ ގުޅިގެން ދަރިވަރުންގެ ކޮންބޮޑުވުންތައް ހުރުމާއި ގުޅިގެން ފަހުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ގްރޭޑް 12 ގެ ދަރިވަރުންނަށް އެކުދިން ބޭނުން ނަމަ މި އަހަރުގެ އޮކްޓޫބަރު / ނޮވެންބަރު ގައި އޮންނަ އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

އެހެންނަމަވެސް ގަދަ 10 އަދި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލާޝިޕް ދިނުމުގައި ބަލާނީ ހަމައެކަނި އޭޕްރީލް / މޭ ގައި އިމްތިހާން ހަދާ ދަރިވަރުން ކަމަށް މިދިޔަ އާދީއްތަ ދުވަހު މިނިސްޓްރީ އިން ވަނީ ނިންމާފަ އެވެ.

މިކަމާއި ގުޅިގެން މިނިސްޓަރު އައިޝަތު ރޭ ވިދާޅުވީ އިމްތިހާނަށް އައި ބަދަލާއި ގުޅިގެން ދަރިވަރުންގެ މެދުގައި ނުތަނަވަސްކަމެއް އުފެދިފައިވާ ކަމަށެވެ. އެހެންކަމުން މި ދަނޑިވަޅުގައި ދަރިވަރުންގެ އަޑު އެހުމަކީ މުހިންމު ކަމެއް ކަމުގައި ދެކިލައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެހެންކަމުން މިހާރު ގަވާއިދު އޮތް ގޮތުން މިއަހަރު އިމްތިހާން ހަދާ ހުރިހާ ދަރިވަރުންގެ ނަތީޖާއަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕާއި ގަދަ 10 ހޮވުމުގައި ބަލާނެ އެވެ.

އޮކްޓޯބަރު / ނޮވެމްބަރު ގައި އިމްތިހާން ހަދަން ބޭނުންވާ ދަރިވަރުން ފޯމު ނެގުމަށްފަހު އަލުން ހުށަހެޅުމަށް މިނިސްޓްރީ އިން ހުޅުވައިލި ވަގުތު މިއަދަށް ހަމަވާނެ އެވެ.