ރައްޔިތުންގެ މަޖިލިސް

ދުވަސްތަކަަކަށް ފަހު ހުސައިން ވަހީދު މަޖިލީހުގައި

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ވަހީދު ދުވަސްތަކެއް ވަންދެން މަޖިލީހާ ދުރުގައި ހުންނެވުމަށްފަހު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފި އެވެ.

ހުސައިން ވަހީދު މަޖިލީހުގެ ތެރެއިން ފެނިވަޑައިނުގަންނަވަނީ ސިއްހީ ފަރުވާއެއް ހޯއްދަވަމުން ގެންދަވާތީ ކަަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ މަހުގެ ތެރޭގައި ވަނީ ވިދާޅުވެފަ އެވެ.

"ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އާލާސްކަންފުޅާ އުޅުއްވަނީ. އަދި ޑޮކްޓަރު ވެސް ލަފާ ދެއްވައި، ފަރުވާ ހޯއްދަވަމުން ގެންދެވީ،" ނަޝީދު އޭރު ވިދާޅުވި އެވެ

ހުސައިން ވަހީދުގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން މިދިޔަ ދުވަސްތަކުގައި އޭނާ ވަނީ ދުބާއީގެ ހޮސްޕިޓަލެއްގައި ފަރުވާވެސް ހޯއްދަވާފަ އެވެ.

މަސްވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުގެ ތަޅުމުގައި މިއަދު ކުރިއަށް ދިޔަ ބަހުސްގައި ގިނަ ދުވަސްތަކަކަށް ފަހު ހުސައިން ވަހީދު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އެގޮތުން ބިލަށް އެއްޗެއް ވިދާޅުވުމުގެ ކުރިން މިއަދުގެ ޖަލްސާގައި ހުސައިން ވަނީ އޭނާ އާލާސްކަންފުޅާ އުޅުއްވާ ކަން ފާހަގަކުރައްވާ މިހާރު ވެސް ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މިދިޔަ ދުވަސްތަކުގައި އޭނާގެ ހާލު އޮޅުންފިލުވި އެންމެންނަށް ހުސައިން ވަނީ ޝުކުރު ވެސް އަދާކުރައްވާފަ އެވެ.

"ވަރަށް ގިނަ ދުވަސް ރާއްޖެއިން ބޭރުގައި ބޭސް ފަރުވާއެއް ކުރަމުން މިއަދު މިތަނަށް އައިސް އަނެއްކާވެސް ތިބޭފުޅުންނާ ބައްދަލުވެ އެއްޗެއް ބުނެލަން ލިބުމުން މާތް ﷲ އަށް ޝުކުރު ދަންނަވަން. އަދި ހަމައެއާއެކު އަޅުގަނޑު ބޭރުގައި ހޭދަކުރި ދުވަސްތަކުގައި އަޅުގަނޑުގެ ވަރަށް ގާތް ރައްޓެހިންނާއި ދާއިރާގެ އެކި ރައްޔިތުން އަދި ހެޔޮ އެދޭ އެތައް ބޭފުޅުންނެއް އަޅުގަނޑަށް ގުޅޭ ހާލު ބެލިކަމަށްޓަކައި އަޅުގަނޑު އުފާކޮށް އެބޭފުޅުންނަށް ޝުކުރު ދަންނަވަން." ހުސައިން ވިދާޅުވި އެވެ.

އޭނާގެ ވާހަކަ ނިންމާލައްވަމުން ވިދާޅުވީ ރަށް ރަށަށް ތަރައްގީ ގެނެވޭނީ އެމްޑީޕީގެ ސިޔާސަތުތަކުގެ ތެރެއިން ކަމަށާއި އެހެންކަމުން ކުރިއަށް އޮތް ކައުންސިލް އިންތިހާބްގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު އަދި މުޅި އެމްޑީޕީވެސް އަބަދުވެސް ގަބޫލުކުރަނީ ރަށްރަށުގެ ތަރައްގީ އެންމެ ރަނގަޅަށް ކުރެވޭނީ އެރަށްރަށުގައި ދިިރިއުޅޭ ރައްޔިތުންނަށް ކަަަމަށް. އެގޮތުން އެމްޑީޕީ ގަބޫލު ކުރާ އުސޫލު ބާރުތައް ރާއްޖޭގެ ރަށްރަަށަށް ދޫކޮށްލެވުނީމަ ރަށްރަށަ ތަރައްގީވެގެން ދާލެއް މާ ބޮޑުވާނެ،" ހުސެއިން ވިދާޅުވި އެވެ.