ނާސްތާ ޕްރަގްރާމް

ނާސްތާ ޕްރަގްރާމް: ހަ މަހަށް 139 މިލިއަން ރުފިޔާ ހަރަދުކޮށްފި

މި ސަރުކާރުން އިސްކަން ދީގެން ގެނައި ނާސްތާ ޕްރޮގްރާމް މިދިޔަ އަހަރު މެދުކަނޑާލިއިރު 139 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ސޯލިހް ވިދާޅުވެއްޖެ އެވެ.

ދަރިވަރުންނަށް ނާސްތާ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދަން އެޑިއުކޭޝަން މިނިސްޓްރީން 2019 ވަނަ އަހަރުގެ ފުރަތަމަ ޓާމުގައި ވަނީ ޕައިލެޓް ޕްރޮގްރާމެއްގެ ގޮތު 25 ސްކޫލެއްގައި ނާސްތާ ފަށާފަ އެވެ. އަޖުމަ ބަލަން ފެށި އެ ޕްރޮގްރާމުގެ ތަޖުރިބާއަށް ފަހު ބާކީ 188 ސްކޫލާއެކު އެ އަހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހުން ފެށިގެން 203 ސްކޫލްގައި ދަރިވަރުންނަށް ނާސްތާ ދޭން ފެށި އެވެ. އެއީ ޖުމުލަ 57816 ދަރިވަރުންނަށެެވެ.

އެމްޑީޕީގެ ރަށްވެހި ފަތިސް ބައްދަލްވުމުގައި ރައީސް ސޯލިހް ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މިދިޔަ އަހަރު ނާސްތާ ޕްރަގްރާމް މެދުކަނޑާލުމާ ހަމައަށް 139 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. މިއީ މި މައުލޫމާތު އާންމުކުރި ފުރަތަމަ ފަހަރު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ހެނދުނު ނާސްތާ ޕްރަގްރާމް މެދުކަނޑާލީ ޖޫން މަހުގެ ތެރޭގައެވެ. އެހެން ކަަމުން ނާސްތާ ޕްރަގްރާމަށް 139 މިިލިއަން ރުފިޔާ ހަރަދުކުރީ ހަ މަސް ދުވަހުގެ ނާސްތާ ދިނުމަށެވެ.

ނާސްތާ ޕްރޮގްރާމްގައި އެކި ސްލޫތަކަށް ނާސްތާ ފޯރުކޮށް ދެނީ ވިޔަފާރި އުސޫލުން އެކި ފަރާތްތަކާ ހަވާލުކޮށްގެނެވެ.

ނާސްތާ ޕްރަގްރާމް މެދުކަނޑާލަން ޖެހުން ވަރަށް ގިނަ އަދަދެއްގެ ކިރުޕަކެޓާއި ނާސްތާއަށް ގެނެސްފައިވާ ތަކެތި އުކާލަން ޖެހުނެވެ. އެ ތަކެއްޗަށްވެސް ދައުލަތުން ފައިސާ ދައްކާފައިވާ ކަމަށް އަޑުތައް އޮވެއެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން ސަރުކާރުން އަދި އެޑިއުކޭޝަން މިނިސްޓްރީންވެސް ވަކި އެއްޗެއް ނުބުނެއެވެ.