ބޭރު ކުޅިވަރު

ޔުނައިޓެޑް މޮޅުވިއިރު، ސިޓީ ދެ ވަނަ ބުރަށް

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި އިނގިރޭސިވިލާތުގެ މެންޗެސްޓާގެ ދެ ޓީމު ވެސް ކާމިޔާބު ހޯދައި ސިޓީ ދެ ވަނަ ބުރަސް ހިނގައްޖެ އެވެ.

މެންޗެސްޓާ ޔުނައިޓެޑް މޮޅުވީ ސީއެސްކޭ މޮސްކޯ އަތުން 1-0 އިންނެވެ. ލަނޑު ޖެހީ ކެޕްޓަން ވޭންރޫނީ އެވެ. މިއީ ލަނޑެއް ނުޖެހި 404 މިނިޓް ހޭދަވުމަށްފަހު ޔުނައިޓެޑުން ޖެހި ފުރަތަމަ ގޯލެވެ.

މެޗަށް ފަހު ކޯޗު ލުއިސް ވެންހާލް ވަނީ އޭނާގެ ކުޅުންތެރިންނަށް ތައުރީފްކޮށްފަ އެވެ.

"ވަރަށް ރަނގަޅު ޕާފޯމަންސް. ގަބޫލުވެސް ނުކުރެވުނު މިކަން. އެއީ އަހަރުމެން އުފެއްދިން 12 ހަމަލާ. ލަނޑެއް ޖަހަން ވަރަށް ދިގު އިންތިޒާރެއް ކުރަން ޖެހުނު. އެކަމަކު އެމީހުން ކުރިން ގޯލު ޖެހިނަމަ ތަފާތު މެޗެއް ފެނުނީސް. އަހަރެން މި މޮޅާމެދު އުފާކުރަން. އަހަރުމެން މޮޅަށް ކުޅުނިން،" މެޗަށް ފަހު ކޯޗު ބުންޏެވެ.

ޔުނައިޓެޑް ހިމެނުނު ގްރޫޕުގައި ޕީއެސްވީ އާއި ވުލްފުސްބާގް ކުޅުނު 2-0 އިން ކާމިޔާބު ކުރީ ޕީއެސްވީ އެވެ. މިހެންވެ ޓޭބަލުގެ އެއްވަނަ ލިބެނީ ހަތް ޕޮއިންޓާއެކު ޔުނައިޓެޑަށެވެ. ހަ ޕޮއިންޓް ލިބިގެން ޕީއެސްވީ އާއި ވުލްފުސްބާގް އޮތް ނަމަވެސް ލަނޑުގެ ތަފާތުން ދެ ވަނަ ލިބެނީ ވުލްފުސްބާގަށެވެ. ސީއެސްކޯ އޮތީ ހަތަރު ޕޮއިންޓާއެކުގަ އެވެ.

ސެވިއްޔާ ބަލިކޮށް ސިޓީ ދެ ވަނަ ބުރަށް

މެންޗެސްޓާ ސިޓީ މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދީ ސްޕޭނުގެ ސެވިއްޔާ އަތުން 3-1 އިންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖެހީ އަށް ވަނަ މިނިޓްގައި ރަހީމް ސްޓާލިން އެވެ. ދެ ވަނަ ލަނޑު 11 ވަނަ މިނިޓްގައި ޖެހީ ފެނާންޑީނިއޯ އެވެ. އަދި ތިން ވަނަލަނޑު 36 ވަނަ މިނިޓްގައި ޖެހީ ވިލްފްރެޑް ބޮނީ އެވެ. ސެވިއްޔާގެ ހަމައެކަނި ލަނޑު ޖެހީ 25 ވަނަ މިނިޓްގައި ބެނޮއިޓް އެވެ.

މެޗަށް ފަހު ސްޓާލިން ބުނީ މި މެޗުގައި އޭނާ ޖެހި ގޯލަކީ ވަރަށް ހާއްސަ ގޯލެއް ކަމަށާއި ނަމަވެސް އެންމެ އުފާވަނީ ޓީމު މޮޅުވުމުން ކަމަށެވެ.

ކެޕްޓަން ވިންސެންޓް ކޮމްޕެނީ ބުނީ ބާކީ ދެ މެޗު އޮއްވައި މުބާރާތުގެ ދެ ވަނަ ބުރަށް ދެވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
މެޗަށް ފަހު ސިޓީގެ ކޯޗު މެނުއަލް ޕެލެގްރީނީ ބުނީ ޓީމުގެ ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

"ވަރަށް މުހިންމު ދެ ވަނަ ބުރަށް ކޮލިފައިވުން. މިހާރު އަހަރުމެން މަސައްކަތްކުރާނީ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރު ކުޅެން. އަހަރެން މި މެޗުގައި ދެއްކި ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ. މީގެ ކުރިން އަހަރުމެން ކުޅުނު ކުޅުމާމެދު އަހަރެން ހިތްހަމަނުޖެހޭ. އެކަމަކު މި މެޗުގައި އަހަރުމެން ތިން ގޯލު ޖެހިން. ތިން ހަތަރު ފުރުސަތު ލިބި ބޭކާރުވި. އެހެންވީމަ މި މެޗާމެދު ވަރަށް ހިތްހަމަޖެހޭ،" މެޗަށް ފަހު ކޯޗު ބުންޏެވެ.

އޭނާ ބުނީ ލަނޑު ޖަހަން ފުރުސަތު ލިބުނީ ސިޓީގެ އަސްލު ކުޅުން މެޗުގައި ކުޅެގަތުމުން ކަމަށެވެ.

"އަހަރުމެން ކުޅުނީ ވަންޓަޗް ދެން ހުސްތަނަށް ދުވެގެން. އޭގެ ސަބަބުން ލަނޑު ޖަހަން ފުރުސަތުތައް ތަނަވަސްވީ،" ކޯޗު ބުންޏެވެ.

މި މޮޅާއެކު ސިޓީ ދެ ވަނަ ބުރަށް ދިޔައީ ނުވަ ޕޮއިންޓާއެކުގަ އެވެ. ދެ ވަނާގައިވަނީ އަށް ޕޮއިންޓާއެކު ޔުވެންޓަސް އެވެ. ތިން ވަނާގައިވަނީ ތިން ޕޮއިންޓާއެކު ސެވިއްޔާ އެވެ. ޓޭބަލުގެ ފުލުގައިވަނީ އެންމެ ޕޮއިންޓަކާއެކު ބޮރޫޝިޔާ މޮންޗެންގްލަޑްބަޗް އެވެ. އެ ޓީމާއި ޔުވެންޓަސް ރޭ ކުޅުނު މެޗު ނިމުނީ 1-1އިންނެވެ.