ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ރެއާލް މެޑްރިޑުގެ ކީޕަރު ކޭލާ ނަވާސް ރެކޯޑެއް ހަދައިފި އެވެ.
މުބާރާތުގައި ރޭ ޕީއެސްޖީ އަތުން 1-0އިން ރެއާލް މޮޅުވި މެޗާއެކު ނަވާސް ވެފައިވަނީ މުބާރާތުގައި ބައިކޮޅަށް ގޯލެއް ވަނަނުދީ އެންމެ ގިނަ ވަގުތު ގޯލު ބެލެހެއްޓި ކީޕަރަށެވެ.
މީގެ ކުރިން މި ރެކޯޑް އޮންނަނީ އެތްލެޓިކޯ މެޑްރިޑުގެ ކުރީގެ ކީޕަރު އެންޖެން ނޯޔާގެ އަތުގަ އެވެ. ނަމަވެސް ގޯލަށް ބޯޅަ ވަނަނުދީ އޭނާ ހިފެހެއްޓި 529 މިނިޓް ފަހަނައަޅައި ނަވާސް މިހާރު ވަނީ ގޮސްފަ އެވެ.
ކޮސްޓަރިކާގެ 28 އަހަރުގެ ކީޕަރު ނަވާސް އަކީ އެކުލަބާ ގުޅުނީ މިދިޔަ ސީޒަނުގަ އެވެ.
ރޭގެ މެޗުން ރެއާލް މޮޅުކޮށްދިން ލަނޑު ޕީއެސްޖީ ކޮޅަށް ޖަހައިދިނީ ނަޗޯ ފެނާންޑޭޒް އެވެ.
މި މޮޅާއެކު ރެއާލް ވަނީ 10 ޕޮއިންޓާއެކު މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. ޕީއެސްޖީ ޓޭބަލުގެ ދެ ވަނާގައިވަނީ ނުވއ ޕޮއިންޓާއެކުގަ އެވެ. މި ގްރޫޕުގައި ދެން ހިމެނޭ ޝަކްޓާ ޑޮނެސްޓާއި މަލްމޯ އަށް ވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. މި ދެ ޓީމު ރޭ ކުޅުނު މެޗު 4-0އިން ކާމިޔާބު ކުރީ ޝަކްޓާ އެވެ.