ރައްޔިތުންގެ މަޖިލިސް

ބްރޯޑްކޮމްއަށް އަނެއްކާވެސް ޝިފްލާގެ ނަން

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމުގެ މަގާމަށް ތިން ބޭފުޅެއްގެ ނަން ހުށަހަޅުއްވައިފި އެވެ.

ބްރޯޑްކޮމްއަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުވި ނަންތައް މިއަދު މަޖިލީހުގެ ތަޅުމުގައި ވަނީ އިއްވައިފަ އެވެ. އޭގެ ތެރޭގައި މަޝްހޫރު ޕްރެޒެންޓަރު ޝިފްލާ އިބްރާހިމް ހިމެނެ އެވެ. މިއީ ބްރޯޑްކޮމްގެ މެމްބަރު ކަމަށް އައްޔަން ކުރަން ޝިފްލާގެ ނަން ރައީސް ފޮނުއްވި ތިން ވަަނަ ފަަހަރެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް ޝިފްލާއަށް މަޖިލީހުގެ ތެރެއިން ތާއީދެއް ނުލި ދަނީ އެވެ.

ރައީސް ފޮނުއްވި ނަންތަކުގެ ލިސްޓުގައި ޝިފްލާ އޮތީ ދެވަނައިގަ އެވެ. އާންމުކޮށް ނަން ފޮނުވާއިރު މަޖިލީހުން ބޮޑަށް އިސްކަން ދެނީ ނަން ތަރުތީބުން ނެވެެ.

ރައީސް ފޮނުއްވި ނަންތަކުގެ ލިސްޓުގެ ކުރީގައި އޮތީ މ. ވެންކޫވާ، ފާތުމަތު ސައުޝަން އެވެ. އަދި ލިސްޓުގެ ތިންވަނައިގައި އޮތީ އދ. މާމިގިލި/ ޖަވާހިރު އައްސޭރި، ޑރ. މުހައްމަދު އިބްރާހިމެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމުގެ މަގާމަށް މިފަހުން ހުޅުވާލީ އެ ކޮމިޝަންގެ މެމްބަރު އައިމިނަތު ސަހާރަތު އިއްޒަތުގެ ދައުރު ހަމަވާތީ އެވެ.

ބްރޯކޮމް އެކުލެވެނީ ހަތް މެމްބަރުންގެ މައްޗަށެވެ. ރައީސް ކަމުގައި ހުންނަވަނީ މަރިޔަމް ވަހީދާ އެވެ. އަދި ކޮމިޝަންގެ ނައިބު ރައީސަކީ އަހުމަދު ގައިސެވެ. ދެން އެ ކޮމިޝަންގައި ތިއްބެވީ އަލީ ޔޫސުފު، އައިމިނަތު އަމީނާގެ އިތުރުން އައިމިނަތު ސަހާރަތު އިއްޒަތާއި، އަމްޖަދު ވަހީދުގެ އިތުރުން ދާދި ފަހުން މެމްބަރުކަމަށް އައްޔަނުކުރި ރާއްޖެ ޓީވީގެ ކުރީގެ ޕްރެޒެންޓަރު މުހައްމަދު ފަޒީނެވެ.

ބްރޯޑްކޮމްގެ މެމްބަރުންގެ ދައުރަކީ ފަސް އަހަރެވެ.