މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާ ބެހޭ ގާނޫނަށް އިސްލާހެއް

ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ވެރިކަން ކުރާ އެމްޑީޕީގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ އެވެ.

ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅީ ޓްރާންްސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލަން މަޖިލީހަށް މިހާރު ހުށަހަޅާފައިވާތީ އެ އޮތޯރިޓީން ކުރަމުން ދިޔަ ބައެއް މަސައްކަތްތައް ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުކުރަން ޖެހޭތީ އެވެ. ކަނޑުދަތުރުފަތުރާ ގުޅުންހުރި ގިނަ ހުއްދަތަކެއް ދެމުން ގެންދިޔައީ ޓްރާންސްޕޯޓް އޮތޯރިޓީން ކަމަށްވާތީ އެ އޮތޯރިޓީ އުވާލާނަމަ އެ ތަނުން ކުރަމުން ދިޔަ މަސައްކަތްތައް ޓްރާންސް މިނިސްޓްރީއަށް ބަދަލުނުކުރާނަމަ ގާނޫނީ މައްސަލަތަކެއް ކުރިމަތިވާނެ އެވެ. ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅީ އެފަދަ މައްސަލަތަކަށް ވެސް ހައްލެއް ހޯދަންޖެހޭތީ ކަމަށް ބިލް ހުށަހެޅުއްވި މެންބަރު ވިދާޅުވެފަ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް މިމަހުގެ 24 ވަނަ ދުވަހު މަޖިލީހުގެ ތަޅުމަށް ހުށަހެޅީ އެ އޮތޯރިޓީއާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އިހްތިޞާސްގައި ފުށުން އެރުންތަކެއް ހުރެ، މިނިސްޓްރީން ދެމުންދާ ހިދުމަތްތައް ވަރަށް ބޮޑަށް ލަސްވެ އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވުމުންނެވެ.

މިމައްސަަލަތައް ކުރިމަތިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީ އުވާލުމަށްފަހު، ޓްރާންސްޕޯޓް އޮތޯރިޓީގެ ބިލެއް މަޖިލީހަށް ހުށަހަޅާ، ފާސްކުރުމަށްފަހު އެ އޮތޯރިޓީ އަށް ބޮޑެތި ބާރުތަކެއް ދީފައިވަނިކޮށް މިސަރުކާރު ވެރިކަމާ ހަވާލުވެ އަލުން ޓްރާންސްޕޯޓް މިނިސްޓްރީ އުފެއްދުމަށްފަހު އެ މިނިސްޓްރީގެ ދަށަށް ޓްރާންސްޕޯޓް އޮތޯރިޓީ ބަދަލުކުރި ހިސާބުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވެސް ވަނީ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައްވާނެ ކަމަށް މިމަހުގެ 10 ވަނަ ދުވަހު ވިދާޅުވެފަ އެވެ. އަދި އޮތޯރިޓީ އުވާލާއިރު އެތަނުގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކަށް ދެރައެއް ނުލިބޭނެ ގޮތަށް ހުރިހާ ކަމެއް ހަމަޖައްސަވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.