ރޭޕް

މަޑުއްވަރީ ރޭޕް: ފުލުހާއި ޖެންޑާ ހާޒިރު ކުރަނީ

ރ. މަޑުއްވަރީގެ ރޭޕް ކޭހާ ގުޅިގެން އެ މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީ ބަލަން ނިންމައި ފުލުހާއި ޖެންޑާ މިނިސްޓްރީގެ އިސްވެރިން މަޖިލީހަށް މިއަދު ހާޒިރުކުރަން ނިންމައިފި އެވެ.

އެ ބޭފުޅުން ހާޒިރު ކުރަން ނިންމާފައި ވަނީ މިއަދު މެންދުރު ފަހު އެވެ.

މަޑުއްވަރީގައި ގުރޫޕަކުން އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައިގައި ޝާމިލްވާ ކަމަށް ތުހުމަތުކުރެވޭ އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާތީ އެރަށުގައި ކުރިއަަށް ގެންދިޔަ މުޒާހަރާ އާއި ގުޅިގެން 10 މީހަކު މިދިޔަ ހުކުރު ދުވަހު ވަނީ ހައްޔަރު ކޮށްފަ އެވެ. އެ މީހުން ހައްޔަރުކުރީ މަޑުއްވަރީގެ ރައްޔިތުން ނުކުމެ ރޭޕާ ގުޅިގެން ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރަން ގޮވާލައި ކުރި މުޒާހަރާގެ ތެރެއިން ފުލުހުންނާ ކުރިމަތިލުމުން ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

އަންހެން ކުއްޖާ ރޭޕް ކުރުމުގައި ފުލުހަކާއި މަޑުއްވަރީ ސްކޫލުގެ ޓީޗަރަކާއި އަދި އިތުރު މީހަކު ބައިވެރިވެފައިވާ ކަމަށް މަޑުއްވަރީގެ ބައެއް މީހުން ގެންދަނީ ބުނަމުންނެވެ. މަޑުއްވަރީ ސްކޫލުގެ ގުރޭޑް އަށެއްގައި ކިޔަވަމުން އައި އެ ކުއްޖާ ރޭޕް ކޮށްފައިވަނީ ސުކޫލް ކައިރީގައި ހިންގާ ގެސްޓް ހައުސްއަކަށް ގެންގޮސްގެން ކަމަށާއި ކުއްޖާ އެތަނަށް ގެންދިޔައީ ތުހުމަތުކުރެވޭ ޓީޗަރު ކަމަށް ވެސް މަޑުއްވަރީ ބައެއް މީހުން ބުނެ އެވެ.