ގުޅިފަޅު

ގުޅިފަޅުން 1200 ގޯތި ދޫކުރަން ނިންމައިފި

ގުޅިފަޅުން 1200 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަވަސް އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް މިވަގުތު ބިން ދޫކުރާނެ ކަމަށް ޔަގީންވެފައިވަނީ ހަމައެކަނި ގުޅިފަޅުން ކަމަށެވެ.

މަބްރޫކް ވިދާޅުވީ މާލޭ ސަރަހައްދުން ގޯތި ދޫކުރުމުގެ އިތުރު މަޝްރޫއުތައް ވެސް ރޭވިފައި އެބަހުރި ކަމަށާއި އެހެންނަމަވެސް މަޝްރޫއު ކުރިއަށް ގެންދާނެ ގޮތްތައް ކަނޑައެޅިފައިނުވާތީ ތަފްސީލް އަދި ދެވެން ނެތް ކަމަށެވެ.

މާލެ ކައިރީގައި އޮންނަ ގުޅިފަޅު ހިއްކައި ގޯތި ދޭން، ކުރީ ސަރުކާރުން އޮތީ ނިންމާފަ އެވެ. ނަމަވެސް މި ސަރުކާރުން ނިންމާފައިވަނީ ގުޅިފަޅުގައި ޕޯޓެއް އަޅާށެވެ.

އެކަމަކު މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް މާލެއަށް ނިސްބަތްވާ ބައެއް މީހުން ސަރުކާރުގައި ތަކުރާރުކޮށް އެދުމުން ދިއުމާ ގުޅިގެން މިސަރުކާރުން ވަނީ ގުޅިފަޅުގެ ބިމުގެ އެއް ބައި ގޯތި ދޫކުރުމަށް ހާއްސަކުރާނެ ކަމަށް ކުރިން ބުނެފަ އެވެ.