މާލެ އާއި އަށް ކިލޯމީޓަރެއްހާ ދުރުގައި އޮން ދިޔަނެރު ފަޅުގައި ވެސް ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރަން ސަރުކާރުން ނިންމައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ދިޔަނެރު ފަޅުގައި ހަދަން ނިންމާފައިވާ ދަތުރުދާ ރަށުގެ ކޮންސެޕްޓް ޕްލޭން އެކުލަވާލައި ވެސް ނިމިފައިވާ ކަމަށެވެ.
"ލޭންޑް ސްކޭޕިންނާއި މިފަދަ ކަންކަމުގެ ޑީޓެއިލްސްގެ މަސައްކަތްތަކެއް މިހާރު ކުރަމުން މިދަނީ،" މަބްރޫކް ވިދާޅުވި އެވެ.
މި ސަރުކާރުން ގެންދަނީ ޕިކްނިކް ދިއުމަށް އެނބޫދޫފަޅުގައި ވެސް ރަށެއް ހަދަމުންނެވެ. އެ ރަށުގެ މަސައްކަތްތަކާއި ގުޅޭގޮތުން މަބްރޫކް ވިދާޅުވީ ކޮވިޑާއި ގުޅިގެން އެ މަސައްކަތްތަކަށް ހުއްޓުމެއް އައި ކަމަށެވެ. ނަމަވެސް އެ މަސައްކަތް ވެސް އަލުން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދާނެ ރަށެއް ތަރައްގީ ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.
ދިޔަނެރު ފަޅުގައި ޕިކްނިކް އައިލެންޑެއް ހަދަން ތައްޔާރުވަމުން ދާއިރު ސަފާރީތަކަށް ހާއްސަ ބަނދަރެއް ހަދަން "ދިޔަނެރު ފަޅު 2" ރާއްޖޭގެ ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާއަށް ދީފައި ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފައެވެ. މީގެ ދެ އަހަރު ކުރިން ސަރުކާރުން އެހެން ބުނި ނަަމަވެސް ބަނދަރު ހެދުމުގެ ގޮތުން އެއްވެސް ކަމެއް އެ ފަޅުގައި ކޮށްފައެއް ނުވެއެވެ.