ރީޖަނަލް އެއާޕޯޓްސް

މޯލްޑިވިއަނުން ރިޓަޔާ ކުރެއްވި ޑިރެކްޓަރު އާރްއޭސީގެ ސީއޯއޯ ކަމަށް

Apr 1, 2021
3

މޯލްޑިވިއަންގެ ޑިރެކްޓާ އޮފް ގްރައުންޓް އޮޕަރޭޝަންގެ މަގާމުން ރިޓަޔާ ކުރެއްވި އަހުމަދު އިބްރާހިމް، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީ) އާ ގުޅިވަޑައިގެންފި އެވެ. އޭނާ އާރުއޭސީއަށް ވަޑައިގަތީ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމަށެވެ.

މޯލްޑިވިއަންގައި 28 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު މަގާމުން ރިޓަޔާ ކުރެއްވި އަހުމަދު ވިދާޅުވީ މޯލްޑިވިއަންއިން ރިޓަޔާ ކުރެއްވީ އެ އެތަނަށް ހިދުމަތް ކުރެއްވިއްޖެ ކަމަށް ގަބޫލު ކުރައްވާތީ ކަމަށެވެ.

"ވަރަށް ރަނގަޅު ހިދުމަތް ތަކެއް ކުރެއްވިއްޖެ ކަމަށް ގަބޫލު ކުރެވޭތީ އަަޅުގަނޑު ވަކިވީ،" އަހުމަދު ވިދާޅުވި އެވެ.

މޯލްޑިވިއަންގައި އޭނާ ހިދުމަތް ކުރެއްވި 28 އަހަރު ތެރެއިން 11 އަހަރު ގްރައުންޓް އޮޕަރޭޝަން ވެރިޔާގެ މަގާމު ފުރުއްވެވި އެވެ.

ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ސީއޯއޯގެ މަގާމަށް މޯލްޑިވިއަންގެ އިސްވެރިއަކު ވަޑައިގެންނެވިއިރު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުހައްމަދު ރިޒުވީއަކީ މޯލްޑިވިއަން ކުރީގެ މެނޭޖިން ޑިރެކްޓަރެވެ. އަދި އޭނާއަކީ މޯލްޑިވިއަންއަށް ވަޑައިގެން މުސާރަ ބޮޑު ކުރުމުގެ ސަބަބުން ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައި ބޭފުޅެކެވެ.

ރާއްޖޭގެ ރީޖަނަލް އެއާޕޯޓުތައް ވިޔަފާރި އުސޫލުން ހިންގުމަށްޓަކައި ސަރުކާރުން އުފެއްދި ރީޖަނަލް އެއާޕޯޓްސް އަށް، އޭވިއޭޝަން ދާއިރާއިން ރިޓަޔާ ކުރައްވާ ވަރަށް ގިނަ ތަޖުރިބާކާރު ދިވެހިން ދަނީ ގުޅެމުންނެވެ. އެމްއޭސީއެލްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބޮޑު ބޭބޭފުޅު މޫސާ ސޯލިހުއަކީ ވެސް މިހާރު ރީޖަނަލް އެއާޕޯޓުގެ ކޮންސެލްޓެންޓެކެވެ. އަދި އެމްއޭސީއެލްގެ ފަޔާ އެންޑް ރެސްކިއުގެ އިސްވެރިޔާ އަހުމަދު ފަޔާޒް (ފަޔާ) ވެސް ވަނީ އެ ކުންފުންޏާ ގުޅިވަޑައިގެންފަ އެވެ. ފަޔާއަކީ އެމްއޭސީއެލްގައި 31 އަހަރު ހިދުމަތް ކުރެއްވި ބޭފުޅެކެވެ.