މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ގައިދީންނަށް ފައިސާ ފޮނުވަންޖެހޭ ގޮތް ބަދަލުކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް ފައިސާ ފޮނުވުމުގައި އަމަލުކުރަމުން ދިޔަ އުސޫލަށް ބަދަލު ގެނެސްފި އެވެ.

ކަރެކްޝަންސްގެ އޮފިސަރަކު ވިދާޅުވީ މިބަދަލު ގެންނަންޖެހުނީ ފިނޭންސް މިނިސްޓްރީން ނެރެފައިވާ މާލިއްޔަތާ ބެހޭ އާންމު ސާކިއުލާއެއްގައި ދައުލަތުގެ އިދާރާތަކަށް ނަގުދު ފައިސާ ބަލައިގަތުން ހުއްޓާލުމަށް އެންގުމާ ގުޅިގެން ކަމަށެވެ.

ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައި ބުނެފައިވަނީ މިމަހުގެ އަށްވަނަ ދުވަހުން ފެށިގެން ދައުލަތުގެ އިދާރާތަކަށް ފައިސާ ބަލައިގަނެވޭނީ އެ މިނިސްޓްރީން ހަދާފައިވާ ބަނޑޭރި ޕޭ މޯބައިލް ޕޮއިންޓް އޮފް ސޭލް (އެމްޕީއޯއެސް) މެދުވެރިކޮށް ކަމަށެވެ.

ފިނޭންސް މިނިސްޓްރީގެ ވެބްސައިޓްގައި މިކަމާ ގުޅޭ ހާއްސަ ޕޯޓަލްއެއް މިހާރު ވަނީ ހަދާފަ އެވެ.

ކަރެކްޝަންސްގެ އޮފިސަރު ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ އެންގުމަށް އަމަލުކުރަމުގެ ގޮތުން މިމަހުގެ ނުވަވަނަ ދުވަހުން ފެށިގެން ގައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް ފައިސާ ފޮނުވޭނީ ބަނޑޭރި ޕޭ މެދުވެރިކޮށް ކަމަށެވެ.

ކަރެކްޝަންސް ބެލުމުގެ ދަށުގައި ތިބޭ ގައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް ފޮނުވާ ފައިސާ، ނަގުދު ފައިސާގެ ގޮތުގައި މީގެކުރިން ބަލައިގަންނަމުން ދިޔައީ މާލޭ ޖަލުގެ ކައުންޓަރުންނެވެ. އެއީ މަހަކަށް ކޮންމެ ގައިދީ އަކަށް 2000 ރުފިޔާ އެވެ. އެކަމަކު ކޮވިޑް 19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކާ ގުޅިގެން މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ގައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް ފޮނުވާ ފައިސާ ކަރެކްޝަންސް އިން ބަލައިގަންނަމުން އަންނަނީ އޮންލައިން ކޮށެވެ. އެހެންނަމަވެސް ފިނޭންސްގެ އެންގުމަށް އަމަލުކުރުމުގެ ގޮތުން އޮންލައިންކޮށް ފައިސާ ބަލައިގަތުމަށް އަމަލުކުރި ގޮތް ވެސް މިމަހުގެ އަށްވަނަ ދުވަހުން ފެށިގެން ނިމުމަކަށް އަންނާނެ ކަމަށްވެސް އޮފިސަރު ވަނީ ވިދާޅުވެފަ އެވެ.

"ފިނޭންސްގެ އެންގުމާ ގުޅިގެން ގައިދީންގެ އާއިލާތަކުން ފޮނުވާ ފައިސާ ބަލައިގަތުމުގައި ކަރެކްޝަންސްގެ ދައުރެއް ދެން ނޯންނާނެ. އާއިލާތަކުން މިޖެހެނީ ގައިދީންނަށް ފޮނުވާ ފައިސާ ބަނޑޭރި ޕޭ މެދުވެރިކޮށް ފޮނުވައިދޭން،" އޮފިސަރު ވިދާޅުވި އެވެ.