އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީއަށް 26 އަހަރު

ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭ މޯލްޑިވްސް ވޯޓާ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އަށް 26 އަހަރު ފުރިއްޖެ އެވެ.

އެމްޑަބްލިޔުއެސްސީ ވުޖޫދަށް އައިސްފައިވަނީ 1995 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހު އެވެ.

އެންމެ ފުރަތަމަ އެމްޑަބްލިއުއެސްސީން މަސައްކަތް ފެށީ 60 މުވައްޒަފުންނާއެކު އެވެ. އޭރު އެ ކުންފުންޏަކީ ދުވާލަކު 10،447 ކޮޑި މީޓަރުގެ ފެން، 60،000 މީހުންގެ އާބާދިއަކަށް ފޯރުކޮށްދިން ކުންފުންޏެކެވެ. ނަމަވެސް މިއަދު އެ ކުންފުނީގައި 900 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ.

އެމްޑަަބްލިއުއެސްސީން މިއަދު ގެންދަނީ ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެމުންނެވެ. އަދި 43،300 ކޮޑި މީޓަރުގެ ފެން އުފެއްދުމުގެ ގާބިލުކަން ވެސް މިއަދު އެ ކުންފުންޏަށް ލިބިފައިވާ ކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ.

ގްރޭޓާ މާލެ ރީޖަންގެ އިތުރުން އެމްޑަބްލިޔުއެސްސީ އިން ކ. މާފުށި، ހދ. ކުޅުދުއްފުށި އަދި ރ. ދުވާފަރުގައި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެމުންދެ އެވެ. ދުވާފަރުގައި އެ ކުންފުނިން ގެންދަނީ ކަރަންޓާއި ކުނި މެނޭޖްކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ހިދުމަތް ދިނުމަށްޓަކައި އެމްޑަބްލިޔުއެސްސީން ދެ އޮޕަރޭޝަން ސެންޓަރެއްގައި ދަނީ އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް ވެސް އުފައްދަމުންނެވެ. އަދި ކަރުދާސް ބޭނުންކުރެވޭ މިންވަރު މަދުކުރުމުގެ ގޮތުން، އިލެކްޓްރޯނިކް ގިނަ ހިދުމަތްތަކެއް ވެސް ވަނީ ތައާރަކޮށްފަ އެވެ.