މިނިސްޓްރީ އޮފް ސައިންސް

ޑިވެލޮޕަރުންނާއި ކުންފުނިތަކަށް އީ-ފާސް ބޭނުން ކުރެވޭ ގޮތް ހަދަނީ

ޑިޖިޓަލް ހިދުމަތްތައް ޑިވެލޮޕްކުރާ ދިވެހިރާއްޖޭގެ ސޮފްޓްވެއާ ޑިވެލޮޕަރުންނާއި ކުންފުނިތަކަށް އީ-ފާސް ބޭނުންކުރުމަށް ހުށަހެޅުމަށް ފުރުސަތު މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ އިން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނީ ދިވެހި އެޕްލިކޭޝަންތަކާއި އޮންލައިން ވިޔަފާރިތައް ތަރައްގީވެ ފުޅާވަމުންދާއިރު ހިދުމަތް ދޭ ފަރާތްތަކާއި ހިދުމަތް ހޯދާ ފަރާތްތަކަކީ ސައްހަ ފަރާތްތަކެއްކަން ކަށަވަރުކުރުމަކީ އޮންލައިން ވިޔަފާރިއަށް ރައްޔިތުންގެ އިތުބާރުލިބި އިތުރު އިގްތިސާދީ ހަރަކާތްތަކަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ.

މިކަން ކަމަށް މަގުފަހިކޮށް ދިނުމުގެ ގޮތުން ސަރުކާރުގެ ޑިޖިޓަލް އެޕްލިކޭޝަންތަކާއި އޮންލައިން ހިދުމަތްތަކުގައި ބޭނުންކުރުމަށް ތައްޔާރުކުރެވިފައިވާ ސިންގަލް ސައިން އޮން ސާވިސް "އީ-ފާސް" ޕްރައިވެޓް ސެކްޓަރުގެ ދިވެހި ޑިޖިޓަލް ހިދުމަތްތައް ލިބިގަތުމުގައި ބޭނުންކުރެވޭ ގޮތައް ހެދުމަށްޓަކައި މިފަދަ ޑިޖިޓަލް ހިދުމަތްތައް ޑިވެލޮޕްކުރާ ދިވެހިރާއްޖޭގެ ސޮފްޓްވެއާ ޑިވެލޮޕަރުންނާއި ކުންފުނިތަކުން އީ-ފާސް ހިދުމަތް ބޭނުންކުރުމަށް އެދި "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމަށް މި މިނިސްޓްރީ ގެ ދަށުން ހިނގަމުން އަންނަ ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީއިން މިހާރު ހުޅުވާލައިފި ކަމަށެވެ.

އެ ފުރުސަތު ހުޅުވާލުމުގެ ބޭނުމަކީ މި ހިދުމަތް އާންމުކޮށް ހުޅުވާލުމުގެ ކުރިން މިކަމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ފަރާތްތަކާއި އެކު މި ނިޒާމު ހިންގުމުގެ "ބީޓާ" ޓެސްޓިންގްއެއް ހެދުމެވެ. މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން 15 މެއި ގެ ނިޔަލަށް ރަޖިސްޓްރޭޝަން ފޯމް [email protected] އަށް މެއިލްކުރެއްވުމަށް ވަނީ އެދިފައެވެ. މިކަމާއި ގުޅޭ ރެޖިސްޓްރޭޝަން ފޯމް އެންސީއައިޓީގެ ވެބްސައިޓް mv.gov.ncit.www އިން ލިބެން ހުންނާނެއެވެ.