ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިސްލާމިކް މިނިސްޓްރީ

ނަމާދުގެ ޖަމާއަތުގައި ގައިދުރުކުރުން ނިމުމަކަށް ގެނެސްފި

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވެފައިވާތީ، މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރާއިރު ގައިދުރުކޮށް ނަމާދު ކުރަން ހެދި އުސޫލު ނިމުމަކަށް ގެނެސްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ޖަމާއަތުގެ ނަމާދުގައި ގައިދުރު ކުރަން އެންގީ މިދިޔަ މަހުގެ ފުރަތަމަ ދުވަހު އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ މިއަދު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މިސްކިތްތަކުގައި ގައިދުރު ކަމާއެކު ނަމާދު ކުރުމަށް ނިންމާފައިވާ ނިންމުން މިއަދު މަޣުރިބު ނަމާދުން ފެށިގެން ނިމޭނެ ކަމަށެވެ. މި ގޮތަށް ބަދަލު ކުރި ނަމަވެސް ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކަށް ސަމާލުވާން މިނިސްޓަރު ވަނީ އެދި ވަޑައިގެންފަ އެވެ.

ކޮވިޑް-19 އިގެ ހާލަތު ރާއްޖޭގައި ގޯސްވާން ފެށުމުން މިދިއަ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު އެޅި ވަރުގަދަ ފިޔަވަޅުތަކަށް ކުއްލި ގޮތަކަށް ވަނީ ލުއި ދީފަ އެވެ. ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީފައިވަނީ ކޮވިޑްގެ ހާލަތު ރަނގަޅު ނުވެ ނުރައްކާ އިތުރަށް ބޮޑުވެފައި ވަނިކޮށެވެ.
މިދިޔަ 24 ގަޑިއިރަކީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި 24 ގަޑިއިރެވެ. އިއްޔެ ވަނީ 300 މީހުން ޕޮޒިޓިވްވެފަ އެވެ.

މީގެ އިތުރުން އަތޮޅުތަކުގެ ރަށްރަށުގައި ބަލި ފެތުރުން އިތުުރުވެ 58 ރަށެއްގައި 800 ވުރެ ގިނަ މީހުން މިހާރު ވެސް ޕޮޒިޓިވްވެފައި އެބަތިއްބެވެ. އެކަމަކު ކުއްލި ގޮތަކަށް އެޗްޕީއޭއިން އިއްޔެ ވަނީ މާލެ ސަރަހައްދުގައި ހިންގަމުންދިޔަ ކާފިއު އުވާލާ ބޮޑެތި ލުއިތަކެއް ދީފައެވެ.