ވިޔަފާރި

ޓޫރިސްޓު ބުކިން ކެންސަލް ކުރާކަން އަދި ފާހަގައެއްނުވޭ: މަޓީ

Nov 4, 2015
1

ރާއްޖޭގެ މިހާރު ހިންގަމުންދާ ކަންތައްތަކާ ގުޅިގެން ރާއްޖެ އަންނަ ޓޫރިސްޓުންގެ ބުކިންތައް ކެންސަލް ކުރަމުންދާކަން އަދި މިހާތަނަށް ފާހަގަ ކުރެވިފައި ނުވާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީޒް (މަޓީ) އިން މިއަދު ބުނެފި އެވެ.

މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު (ކްރައުން ނަޒީރު) ވިދާޅުވީ މިހާރު ރާއްޖޭގައި ހިންގަމުންދާ ކަންތައްތަކާ ގުޅިގެން ޓޫރިސްޓުން ބުކިން ކެންސަލް ކުރަމުންދާކަން އެ ޖަމިއްޔާގެ މެންބަރުން މިހާތަނަށް އަންގަމުން ނުދާ ކަމަށެވެ.

"ބުކިން ކަންތައް އަދި ދަނީ ރަނގަޅަށް. އަޅުގަނޑުމެންގެ ޖަމިއްޔާގައި ހިމެނޭ މެންބަރު ރިސޯޓުތަކުން ސިޓީ އަކުން ނޫނީ އެހެން ގޮތަކުން އެނގީމަ. އަޅުގަނޑުމެންނަށް މިހާތަނަކަށް އެފަދަ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވޭ،" ނަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރުވެސް އުޅެނީ އާއްމު ގޮތެއްގައި އުޅޭ ކެންސަލޭޝަން ކަމަށާއި ނަމަވެސް "ހާއްސަ ކަމެއް" އުޅޭކަން ފާހަގަ ނުކުރެވޭ ކަމަށެވެ.

"ކެންސަލޭޝަން އުޅޭކަމަށް އަޅުގަނޑަކަށް ހަބަރެއް ނުލިބޭ. ރިސޯޓެއްގެ ފަރާތުން ފާހަގައެއްވެސް ނުކުރެވޭ،" ނަޒީރު ވިދާޅުވި އެވެ.

ރާއްޖޭގައި ހިންގާ އެކި ހާދިސާތަކާ ގުޅިގެން ރާއްޖޭގެ ޓޫރިސްޓު އެރައިވަލް އަށް ބަދަލު އާދެ އެވެ. އެގޮތުން މީގެ ކުރިން ރާއްޖޭގެ ޓޫރިސްޓު އެރައިވަލް އެންމެ ބޮޑަށް ދަށަށް ގޮސްފައިވަނީ 2004 ގެ ސުނާމީ ހާދިސާއާ ގުޅިގެންނެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު

މިއަދު މެންދުރު 12:00 އިން ފެށިގެން ކުރިއަށް އޮތް އެއް މަސް ދުވަހަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރައްވާފަ އެވެ. މިއީ ރާއްޖޭގެ ފަހުގެ ތާރީހުގައި ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާނުކުރި ދެވަނަ ފަހަރެވެ. ރައީސް އޮފީހުގައި މިއަދު ކުއްލި ގޮތަކަށް ނޫސްވެރިންނާ އްދަލުކުރައްވައި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ރައީސުލް ޖުމްހޫރިއްޔާ އެކުލަވާލެއްވި ރިޔާސީ ގަރާރު އިއްވައިދެއްވީ އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރިޔަސް އާންމު ދިރިއުޅުމަށް ދަތިވާ އެއްވެސް ގޮތަކަށް އަމަލު ނުކުރާނެ ކަމަށް ރައީސްގެ ގަރާރުގައި ބުނެފައިވެ އެވެ. އެގޮތުން ބޭނުން ގަޑިއެއްގައި ބޭރަށް ނިކުތުމާއި ދަތުރު ކުރުން ފަދަ ކަންކަން ހުއްދަ އެވެ.

  • ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާ ގުޅިގެން ހަނިކޮށްފައިވާ ހައްގުތައް:
  • 1- 19 ވަނަ މާއްދާ: މަނާކުރެވިފައި ނުވާ މިނިވަންކަން
  • 2- 24 ވަނަ މާއްދާ: ޒާތީ ދިރިއުޅުން
  • 3- 31 ވަނަ މާއްދާ: ހަޅުތާލުކުރުން
  • 4- 32 ވަނަ މާއްދާ: އެއްވެ އުޅުމުގެ މިނިވަން ކަން
  • 5- 41 ވަނަ މާއްދާގެ: ހ ދަތުރުފަތުރުކުރުމުގެ މިނިވަންކަން
  • 6- 45 ވަނަ މާއްދާ: ގާނޫނާ ހިލާފަށް ހައްޔަރުކުރުމާއި ބަންދު ނުކުރުން (މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ހައްޔަރުކުރުމާއި ބަންދުކުރުން ފިޔަވައި ދެން ހުރި ކަންކަން)
  • 7- 47 ވަނަ މާއްދާ: ހިފެހެއްޓުމާއި ފާސްކުރުމާއި މުދާ އަތުލުން
  • 8- 100 ވަނަ މާއްދާގެ ރ ގައިވާ 14 ދުވަހުގެ މުއްދަތު 7 ދުވަހަށް ކުޑަކުރުން
  • 9- އަމުރުކުރުން ހުއްޓާލެވޭ ގާނޫނު : ގާނޫނު ނަންބަރު 1/2013 ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު