ޕޮލިސް ބޯޑް

ފުލުހުންގެ ބޯޑަށް ނަޝީދުގެ ކުރީގެ ވަކީލް ސަފާ

ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ ޕޮލިސް ބޯޑަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ކުރިން މަސައްކަތް ކުރެއްވި ސަފާ ޝަރީފް އައްޔަން ކުރުމަށް މަޖިލީހުގެ ކޮމިޓީން ފާސް ކޮށްފި އެވެ.

ފުލުހުންގެ ބޯޑަށް އާންމުންގެ ފަރާތުން ކުރިމަތިލުމަށް ޝައުގުވެރިވާ ބޭފުޅުންނަށް ދެވަނަ ފަހަރަށް ފުރުސަތު ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލެއްވި ހަ ބޭފުޅުންގެ ނަން ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ. އެގޮތުން އެ މަގާމަށް ކުރިމަތިލައްވާފައި ވަނީ ސަފާގެ އިތުރުން އަހްމަދު އުސައިދު ހަސަނާއި، ހައްވާ ރީނާ ހަސަނާއި، އިބްރާހިމް ތައުފީގު މޫނިސް އާއި، މުހައްމަދު އިމްރާން ޝަރީފްގެ އިތުރުން އައިޝަތު ރަޝީދު އެވެ.

މިދިޔަ އަންގާރަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާއަށް މި ބޭފުޅުންގެ ނަންތައް ހުށަހެޅުމާ ގުޅިގެން މި ބޭފުޅުންގެ ނަންތައް ދިރާސާކުރަން ފޮނުވާފައިވަނީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ އަށެވެ. އެހެންކަމުން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ޕޮލިސް ބޯޑަށް ސަފާ އައްޔަންކުރަން ފެންނަ ކަމަށް ކޮމިޓީގެ ތިންބައި ކުޅަ ދެބައި މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފަ އެވެ.

މަޖިލީހުގެ ކޮމިޓީތަކާއި މަޖިލީހުގައިވެސް ސާފު އަގުލަބިއްޔަތެއް އެމްޑީޕީއަށް ލިބިފައިވާތީ ސަފާގެ ނަން މަޖިލީހުގެ ތަޅުމުން ފާސްވާނެ ކަމަށް ބެލެވެ އެވެ.

ސަފާ ޝަރީފަކީ ތުޅާދޫ ދާއިރާގެ މެންބަރު އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސައިނާ އެކު ލޯފާމެއްވެސް ހިންގެވި ބޭފުޅެކެވެ.

ފުލުހުންގެ ބޯޑަށް އާންމުންގެ ފަރާތުން ކުރިމަތިލުމަށް ޝައުގުވެރިވާ ބޭފުޅުންނަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލެއްވީ ފަސް ބޭފުޅުންނެވެ. މީގެތެރެއިން މަޖިލީހުން ރުހުން ދިނީ ރައީސް ނަޝީދުގެ އަރިސް ބޭފުޅެއް ކަމުގައިވާ އެމްޑީޕީގެ ކުރީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން ހާމިދު އަބްދުލް ގަފޫރަށެވެ.

ފުލުހުންގެ ގާނޫނުގައި ބުނާ ގޮތުން ފުލުހުންގެ ބޯޑު އެކުލެވިގެން ވަނީ ހަތް މެންބަރުންގެ މައްޗަށެވެ. އެގޮތުން ބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ދެ މެންބަރުންނާއި، ފަންނީ ދާއިރާ އަކުން ތައުލީމާއި ތަޖުރިބާ ލިބިލައްވާފައިވާ ތިން މެންބަރުންގެ އިތުރުން އާންމުކޮށް ހުޅުވާލައިގެން އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ ދެ މެންބަރުންނެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނުގައިވާ ގޮތުން މި ގާނޫނަށް އަމަލުކުރާތާ 14 ދުވަސް ތެރޭގައި ޕޮލިސް ބޯޑު އެކުލަވާލަންޖެހެ އެވެ.

ގާނޫނުގެ 76 ވަނަ މާއްދާގެ ދަށުން ޕޮލިސް ބޯޑަށް ގިނަ ބާރުތަކެއް ލިބިގެންވެ އެވެ. އެގޮތުން ކޮމިޝަނާ އޮފް ޕޮލިސް އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް މަގާމަށް އައްޔަންކުރުމާއި ވަކިކުރުމުގައި ޕޮލިސް ބޯޑަށް މަސްއޫލިއްޔަތުތަކެއް ވަނީ ހަވާލުކޮށްފަ އެވެ. އަދި ފުލުހުންގެ ތެރޭގައި އެކުލަވާލާފައި ހުންނަ އުސޫލުތަކާއި، ލަނޑުދަނޑިތަކާއި، ޚަރަދުކުރާ ގޮތާއި، ފިޔަވަޅުތައް އެޅިގެންދާ ގޮތާއި، ފުލުހުން ރާވާ ހިންގާ ޕްރޮގްރާމްތައް ބަލައި، މުރާޖައާކުރުމާއި އެކަންކަމުގައި ދޭން ޖެހޭ ލަފައާއި މަޝްވަރާ ދިނުންވެސް ބޯޑާ ވަނީ ހަވާލުކޮށްފަ އެވެ. މީގެއިތުރުން ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ކޮމިޝަނާ އޮފް ޕޮލިސް ފިޔަވާ ދެން ތިއްބެވި އޮފިސަރުންގެ ތެރެއިން އެއްވެސް ބޭފުޅެއްގެ މައްސަލައެއް އޮތް ނަމަ ޕޮލިސް ބޯޑު އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި އެ މައްސަލައެއް ބަލައި އެ ބޭފުޅަކާ މެދު ގޮތެއް ނިންމަންވެސް ހަވާލުކޮށްފައިވަނީ ޕޮލިސް ބޯޑަށެވެ.

ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންގެ ގޮތުގައި ބަލަނީ ކޮމިޝަނާ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން އިންސްޕެކްޓާ އޮފް ޕޮލިސްގެ ރޭންކާ ދެމެދުގައި ތިއްބެވި ބޭފުޅުންނެވެ.