ބޭރު ކުޅިވަރު

ގައުމީ ޓީމުގެ މެޗު ހޮންކޮންއަށް ބަދަލުކުރަނީ

Nov 4, 2015
2

ރާއްޖޭގައި މިއަދުން ފެށިގެން 30 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ ގުޅިގެން ވޯލްޑް ކަޕް ކޮލިފައިންގައި ހޮންކޮންއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު ރާއްޖޭގައި ކުޅުމުގެ ލަފަޔަށް އެފްއޭއެމުން މިއަދު އެޓާނީ ޖެނެރަލް (އޭޖީ) ލަފަޔަށް އެދިއްޖެ އެވެ.

ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް މިއަދު ވިދާޅުވީ އެހެން ގޮތެއް ނެތިއްޖެނަމަ މެޗު ކުޅެން ޖެހޭނީ ހޮންކޮންގައި ކަމަށެވެ. ނަމަވެސް އެ މެޗާމެދު ގޮތެއް ނިންމާނީ އޭޖީގެ ލަފާ އާއި ކުޅިވަރާ ބެހޭ މިނިސްޓްރީއާ ވެސް މަޝްވަރާކުރުމަށްފަހު ކަމަށެވެ. އަދި މިއަދުން ފެށިގެން 30 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާކަން ފީފާ އަށް ވެސް މިހާރު އަންގާފައިވާ ކަމަށެވެ.

މި މެޗު ރާއްޖޭގައި މިހާރު ކުޅެވޭނީ އެކަމަށް ހޮންކޮން އާއި ފީފާ ވެސް އެއްބަސްވާނަމަ އެވެ. ހޮންކޮންގައި މެޗު ކުޅެން ޖެހިއްޖެނަމަ މިކަން ވެގެންދާނީ ވޯލްޑް ކަޕް ކޮލިފައިންގައި ގައުމީ ޓީމު އަމިއްލަ ގައުމުގައި ކުޅެންޖެހޭ މެޗުތަކުގެ ތެރެއިން ކެންސަލްވާ ދެ ވަނަ މެޗަށެވެ. މީގެ ކުރިން ރާއްޖޭގައި ޗައިނާއާއެކު ކުޅެން އޮތް މެޗު އެ ގައުމުގައި ކުޅެން ޖެހުނީ ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވުމުންނެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން މާލޭގައި ކުޅެވުނީ ގަތަރާއެކު ކުޅުނު މެޗު އެކަންޏެވެ. އެ މެޗު 1-0 އިން ގަތަރު ކާމިޔާބު ކުރިއިރު، ހޮންކޮންގައި އެ ގައުމު އަތުން ރާއްޖެ ބަލިވީ 2-0އިންނެވެ. އަދި ޗައިނާ އަތުން 3-0އިން ބަލިވެ، ގަތަރުގައި ގަތަރާއެކު ކުޅެ ރާއްޖެ ބަލިވ 4-0އިންނެވެ. އަދި ބޫޓާނާއެކު ކުޅުނު މެޗުން ރާއްޖެ މޮޅުވީ 4-3އިންނެވެ.