ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ވެކްސިން ކާޑް ލެމިނޭޓް ކުރާނީ ދެވަނަ ޑޯޒް ޖަހާފައި

ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު ބައެއް މީހުން އެ މީހުންގެ ވެކްސިން ކާޑް ލެމިނޭޓް ކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ވެކްސިން ކާޑް ލެމިނޭޓް ކުރާނީ ދެވަނަ ޑޯޒް ދިނުމަށް ފަހު ކަމަށެވެ. ވެކްސިން ކާޑްގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މުއްދަތު ލިޔާއިރު ލެމިނޭޓް ކުރުމުން ދެވަނަ ޑޯޒް ދިން ތާރީހާއި ކާޑްގައި ލިޔަން ޖެހޭ މައުލޫމާތު ނުލިޔެވޭނެތީ ދެވަނަ ޑޯޒް ޖަހަން ދެން ލެމިނޭޓް ނުކޮށް ބޭއްވުމަށް ނަޒްލާ ވަނީ އެދިފައެވެ.

ނަޒްލާ ވިދާޅުވީ ވެކްސިންގެ ދެވަނަ ޑޯޒަށް ފަހު ކަރަންޓީން ނުވެ ދަތުރުކުރެވޭއިރު ބޭރު ގައުމުތަކަށް ދަތުރު ކުރުމަށްވެސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުން މުހިންމު ކަމަށެވެ. ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ވެކްސިން ޕާސްޕޯޓެއް ހެދުމަށް ނިންމާފައިވޭތޯ ސުވާލު ކުރުމުން ނަޒްލާ ވިދާޅުވީ އެފަދަ ޕާސްޕޯޓެއް ހެދުމަށް އަދި ނިންމާފައިނުވާ ކަމަށެވެ. ނަމަވެސް ވެކްސިން ކާޑް ރައްކާކުުރުން މުހިންމު ކަަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށާފައެވެ. މިވަގުތު ފެބްރުއަރީ 1 ކުން 7 ވެކްސިން ޖެހި މީހުންނަށް ދެވަނަ ޑޯޒް ފުރިހަމަ ކުރެވޭނެ އެވެ. ރާއްޖޭގައި ފުރަތަމަ ޖެހީ ކޮވިޝީލްޑް ވެކްސިންނެވެ. ދެވަނަ ޑޯޒް ދެނީ ކޮވިޝީލްޑް ޖެހި މީހުންނަށެވެ. އޭގެ ފަހުން މިހާރު ޖަހަމުން ދަނީ ޗައިނާގެ ސިނަފޯމް ވެކްސިނެވެ. ސިނަފޯމްގެ ދެވަނަ ޑޯޒް ފުރަތަމަ ޑޯޒް ޖަހާތާ ހަތަރު ހަފްތާ ފަހުން ދޭނެ އެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ޖަހައި ދެނީ ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިން ސެންޓަރާއި ވިލިމާލެ ޒުވާނުންގެ މަރުކަޒާއި ނެޝަނަލް އާޓް ގެލަރީ އާއި ސެނަހިޔާގަ އެވެ. ވިލިމާލެ ޒުވާނުންގެ ސެންޓަރުގައި ވެކްސިން ދިނުން ކުރިއަށް ގެންދާނީ ހެނދުނު 10:00 އިން މެންދުރު ފަހު 2:00 އަށެވެ. އަނެއް ހަތަރު ސެންޓަރުގައި ހެނދުނު 10:00 ކުން މެންދުރު ފަހު 3:00 އަށް ވެކްސިން ދިނުން ކުރިއަށް ގެންދާނެ އެވެ.