ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް މުހައްމަދު ނަޝީދު

"ޅަވިޔަނީގެ ރައްޔިތުން ހާސްވާންޖެހޭ ހާލަަތަކަށް ނުދޭ"

ޅ. އަތޮޅުގެ ހުރިހާ ރަށެއްގައި މިހާރު ކޮވިޑް ބަލި ފެތުރިފައި އޮތަސް އެ އަތޮޅުގެ ރައްޔިތުން ހާސްވެ ކަންބޮޑުވާން ޖެހޭ ފަދަ ހާލަަތަކަށް އަދި ކަންކަން ނުދާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު އެފަދައިން ވިދާޅުވީ ޅ. އަތޮޅުގެ ރަށްތަކުގައި ކޮވިޑް ފެތުރި އަތޮޅުގެ ރައްޔިތުންނަށް ދިމާވެފައިވާ ނުރައްކާތެރި ހާލަތު ބަދަލު ކުރަން އަވަސް ފިޔަވަޅުތައް އަޅައި ދޭން ގޮވާލައި ކުއްލި މައްސަލައެއް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު މަޖިލީހަށް ހުށަހަޅުއްވުމުން އެ މައްސަލަ ތައާރަފު ކުރުމުގެ ތެރޭގަ އެވެ.

ރައީސް ނަޝީދު މިއަދު ވަނީ ޅ. އަތޮޅުގެ ހާލަތާ ގުޅޭ ގޮތުން އެމަނިކުފާނު ހޯއްދެވި މައުލޫމާތު ތަޅުމަށް ހިއްސާ ކުރައްވާފަ އެވެ. ވިދާޅުވީ ކޮވިޑް ފެތުރުނަސް ޅ. އަތޮޅުގެ ރަށްތަކުގައި ސިއްހީ ހިދުމަތް ދޭ ތަންތަނުގައި މީހަކު އެޑްމިޓްކޮށްފައި ނެތް ކަމަށެވެ.

ކޮވިޑާ ގުޅިގެން އަތޮޅުތަކުގައި ކޮވިޑް ފެސިލިޓީތައް ގާއިމް ކޮށްފައި ވިޔަސް ޅ. އަތޮޅުގައި އެފަދަ ފެސިލިޓީއެއް ގާއިމްކޮށްފައެއް ނެތެވެ. އެ އަތޮޅުން ކޮވިޑް ޖެހޭ މީހުން އެޑްމިޓް ކުރަނީ އެހެން އަތޮޅުތަކުގެ ކޮވިޑް ފެސިލިޓީތަކުގަ އެވެ.

"އަޅުގަނޑު ފާހަގަކުރަން ޖެހޭ ބ. އަތޮޅު ކޮވިޑް ފެސިލިޓީގައި މިވަގުތު ތިބީ ނައިފަރު ދެ މީހުންނާއި ފެލިވަރު ދެ މީހުން. ޖުމްލަ ހަަތަރު މީހުން. ބ. އަތޮޅު ކޮވިޑް ފެސިލިޓީގެ ކެޕޭސިޓީއަކީ 20 މީހުންގެ ޖާގަ. އަޅުގަނޑަށް ފެންނަ ފެނުމުގައި ހާސް ކަމެއްގެ ތެރެއަށް ރައްޔިތުން ދާކަަށް ކުޑަކޮށްވެސް ޖެހޭ ފަދަ ހާލަތަކަށް މިކަމެއް ނުދޭ،" ނަޝީދު ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން ޅ. އަތޮޅުގެ ރަށްތައް މިހާރު ވެސް އޮތީ މޮނީޓަރިންގަ އެވެ. އެގޮތަށް އެހެން އޮތުމުން ހާއްސަކޮށް ނައިފަރު ފަދަ ތޮއްޖެހިފައިވާ ރަށެއްގައި މޮނީޓަރިންއަށް ލުމުން އެތައް ބައެއްގެ އާމްދަނީއަށް އަސަރުކޮށް މުޅި ރަށް ހުއްޓުމަކަށް ހިނގައިދާނެ ކަމުގެ ކަންބޮޑުވުން މެންބަރު ޝިޔާމް މިއަދު ފާޅު ކުރެއްވި އެވެ.

ޅ. އަތޮޅުގެ ނައިފަރާއި ހިންނަވަރަކީ އެ އަތޮޅުގައި އެންމެ އާބާދީ ބޮޑު ރަށްތަކެވެ. ނަަމަވެސް ޅ. އަތޮޅު ހޮސްޕިޓަލްގައި ކޮވިޑަށް ޓެސްޓް ކުރެވޭނެ ގޮތެއް ނެތެވެ. ސާމްޕަލް ނަތީޖާ ލިބެންވެސް ގިނަ ދުވަސް ނަގަ އެވެ.