ކުއްލި ނުރައްކަލުގެ ހާލަތު

ބްރޯޑްކާސްޓް ކުރުމުގައި ސަމާލުވުމަށް ބްރޯޑްކޮމް އިން އިލްތިމާސްކޮށްފި

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާ ގުޅިގެން އުފެފިދާނެ ހަލަ ބޮލިކަމެއްގެ ތެރޭގައި ރާއްޖޭގެ ބްރޯޑްކާސްޓިންގް ސްޓޭޝަނަކުން ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ ކޯޑް އޮފް ޕްރެކްޓިސް އާ ޚިލާފު ނުވެ ނޫސްވެރިކަން ކުރަން މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން (ބްރޯޑްކޮމް) އިން މިއަދު އިލްތިމާސް ކޮށްފި އެވެ.

ބްރޯޑް ކޮމްގައި މިއަދު ބޭއްވި ނިއުސް ކޮންފެރެންސެއްގައި އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ މިއަދު މުޅި ރާއްޖެ އަށް ކުއްލި ހާލަތު އިއުލާން ކުރުމާ ގުޅިގެން ގައުމުގައި ހަލަބޮލިކަން އުފެދިދާނެތީ އެއްވެސް ކަމަކަށް ބްރޯޑްކާސްޓިން އިދާރާ އަކުން ނޫސްވެރިކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އެއްވެސް ކަމަކާ ޚިލާފުނުވުމަށާއި މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންނާ ހަމައަށް މައުލޫމާތު ފޯރުކޮށްދޭ އިރު ތެދު މައުލޫމާތު ފޯރުކޮށްދިނުމަށް އިލްތިމާސް ކޮށްފައިވެ އެވެ

" ހުރިހާ ބްރޯޑްކާސްޓިންގް ސްޓޭޝަން އެއްގައިވެސް އެބައެއްގެ އަމިއްލަ އެޑިޓޯރިއަލް ސިޔާސަތެއް ގެންގުޅޭނެ. ނަމަވެސް އަޅުގަނޑުމެން މި ގޮވާލަނީ އެބައެއްގެ ސިޔާސަތުގެ ދަށުން ބްރޯޑްކާސްޓް ކުރިކަމުގައި ވިޔަސް އެއްވެސް ބަޔަކު ބްރޯޑްކާސްޓް ކުރުމުގެ ގާނޫނާ ޚީލާފު ނުވާށޭ. ނޫސްވެރިކަމުގެ ކޯޑް އޮފް ޕްރެކްޓިކްސް އާ ޚިލާފުވެ ކަށަވަރުނުވާ ދޮގު ޚަބަރު ފަތުރަމުންދާނަމަ ކޮމިޝަނުން އެ ބްރޯޑްކާސްޓިން ސްޓޭޝަނަކާ މެދު އަޅަން ޖެހޭ ފިޔަވަޅެއް އަޅާނަން، " ޝަހީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުރިހާ މީޑީއާއަކުން ވެސް ގައުމުގެ ސަލާމަތީ ބާރުތަކުން ދޭ ލަފާ އާއި އެއްގޮތަށް މަސަތްކަތް ކުރުމަށާއި ގައުމުގެ ސުލްހަ މަސަލަސްކަން ގެއްލޭ ފަދަ ގޮތަކަށް ބްރޯޑްކާސްޓް ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ނޫސްވެރިކަން ކުރަމުން ގެންދާއިރު ދައުލަތުގެ މުއްސަސާތަކާއި ގައުމުގެ ސަލާމަތީ ބާރުތަކަށް ދޭން ޖެހޭ އެއްބާރުލުން ދިނުމަށް ކޮމިޝަނުން އިލްތިމާސް ކޮށްފައިވެ އެވެ.