ދުނިޔެ

ރަޝިއާގެ ފޮރިން މިނިސްޓަރު ލަވްރޯފް އިންޑިއާގައި

ރަޝިއާގެ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް ދެ ދުވަހުގެ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފި އެވެ. ލަވްރޯފްގެ މި ދަރުފުޅާ ބެހޭ މާބޮޑު ތަފުސީލެއް، ރަޝިއާ އާއި އިންޑިއާއިން ވެސް ހާމައެއް ނުކުރެއެވެ. މީޑިއާއަށް އެނގިފައި އޮތް ގޮތުން ދަތުރުގެ ބޭނުމަކީ ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާއި މިއަހަރު ފަހުކޮޅު ބާއްވަން ހަމަޖެހިފައިވާ ދެ ގައުމުގެ ކަންކަމާ ގުޅޭ އަހަރީ ބައްދަލުވުމަށް ތައްޔާރުވުމެވެ.

އޭޕްރީލް 5 ން 6 އަށް އިންޑިއާއަށް ލަވްރޯފް ކުރައްވާ ދަތުރުފުޅުގައި، އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރްއާ ބައްދަލު ކުރައްވާނެ އެވެ. ރަޝިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާރިއާ ޒަހަރޯފާ ވިދާޅުވެ ދެއްވީ ވެސް ހަމަ މިވަރަށެވެ. އަދި ވިދާޅުވީ އިންޑިއާ ދަތުރުފުޅަށް ފަހު ވަޒީރު ޕާކިސްތާނަށް ވެސް ވަޑައިގަންނަވާނެ ކަމަށެވެ. ޕާކިސްތާންގައި ވެސް ދެ ދުވަސް، އޭޕްރީލް 6 ން 7 އަށް މަޑު ކުރައްވާނެ ކަމަށެވެ.

ލަވްރޯފްގެ މި ދަތުރުފުޅުގައި މާ ބޮޑު ކަމެއް ހިނގާކަން އާންމުކޮށް އެނގޭކަށް ނެތެވެ. އެހެން ނަމަވެސް، ދުނިޔޭގެ ސިޔާސީ މަޝްރަހު ބައްޓަންވަމުން އަންނަ ގޮތުން މި ދަތުރު ހަމަޖެހުމުގެ ކުރިން ވެސް، ވަޒީރުން ފެންވަރުގައި ރަޝިއާއާ އިންޑިއާ ބައްދަލު ކުރާނެ ކަމަށް އޮތީ ވަރަށް ބޮޑަށް ބެލެވިފަ އެވެ.

އެމެރިކާގެ ސަރުކާރު ބަދަލުވުމާ ގުޅިގެން މިހާރު އެމެރިކާއިން ކުރަންމުން އަންނަ ކަމަކީ މުޅި ދުނިޔެ އަންދާޒާ ކުރުމެވެ. ގައުމުތަކާއެކު އަލުން ގުޅުން ބަދަހި ކުރުމަށް ގައުމުތައް އޮތް ފެންވަރު ދެނެގަތުމެވެ. އެމެރިކާ ބުނާހާ ގޮތެެއް ހަދާނެ ގައުމުތަކާއި މުއާމަލާތް ކުރަން އުނދަގުވާނެ ގައުމުތައް ދެނެގަތުމެވެ.

ޗައިނާއާ ޕާކިސްތާންއާ ރަޝިއާ އަދި ތުރުކީއާ އިންޑިއާއަށް ސަމާލުވާން ޖެހޭކަން އެމެރިކާ ދަނެ އެވެ. މި ގައުމުތަކުގެ ތެރެއިން އެމެރިކާ ބުނާ ގޮތް އެންމެ ފަސޭހައިން ހަދާނެ ގައުމަކީ އިންޑިއާ އެވެ. އެހެން ކަމުން އިންޑިއާ މެދުވެރިކޮށް، ޕޮްރޮކްސީއެއް ގޮތުގައި އެމެރިކާއިން ބޭނުން ހިފާނެ އެވެ. ރަޝިއާއަށް އަދި ޗައިނާއަށް ވެސް މިކަން އެނގެ އެވެ. ލަވްރޯފްގެ ދަރުރުފުޅުގައި މިކަންކަމަށް އިޝާރާތް ކުރެއްވުން އެކަށީގެންވެ އެވެ.

ރަޝިއާގެ ދިފާއީ ނިޒާމް އެސް400 އަށް އިންޑިއާއިން ދީފައި އޮތް އޯޑަރަކީ ވެސް މައުލޫއެކެވެ. ރަޝިއާއިން އެސް400 ގަނެފި ނަމަ އެމެރިކާއާ އިންޑިއާއާ އޮތް ގުޅުމަށް ނުރަނގަޅު އަސަރު ކުރާނެކަން އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ވަނީ ވިދާޅުވެ އިންޒާރު ދެއްވާފަ އެވެ.