މޯލްޑިވް ގޭސް

މޯލްޑިވް ގޭސްގެ އެމްޑީގެ ކުށެއް ނުހޯދުނު

މަނީ ލޯންޑަރިންގެ ތުހުމަތުގައި ސަސްޕެންކޮށްފައި ހުންނެވި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމަށް ކުރާ ތުހުމަތުގައި އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ޝަޒައިލް ސަސްޕެންޑްކުރީ ރައީސް އޮފީހުގެ "ޒީރޯ ޓޮލެރެންސް ޓު ދަ ކޮރަޕްޝަން" ސިޔާސަތުގެ ދަށުން ހިންގާ "ވިސްލްބްލޯ ޕޯޓަލް" އަށް ހުށަހެޅި މައްސަލައަކާ ގުޅިގެން 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. ޝަޒައިލްގެ މައްޗަށް އޭރު ކުރި ކޮރަޕްޝަންގެ ތުހުމަތުތައް އޭސީސީން ބެލި އެވެ. ނަމަވެސް ހެއްކެއް ނުދެއްކުނެވެ.

އެ ތުހުމަތުތަށް ސާބިތު ނުވި ނަމަވެސް މަނީ ލޯންޑްރިންގެ މައްސަލައެއް ފެންމަތިކޮށް އޭސީސީން އެ މައްސަލަ ފުލުހުންނަށް ފޮނުވި އެވެ.

ކޮރަޕްޝަންގެ ތުހުމަތުތަކޭ އެއްފަދައިން މަނީ ލޯންޑަރިންގެ ތުހުމަތުތައް ވެސް ޝަޒައިލްގެ މައްޗަށް ސާބިތެއް ނުވެ އެވެ.
އެހެންކަމުން އެ މައްސަލަ މިހާރު އޮތީ ފައިލްކޮށްފައި ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް ފައިލް ކުރީ ކޮންއިރަކު ކަމެއް ފުލުހުން ނުބުނެ އެވެ.

ޝަޒައިލްގެ މައްޗަށް އެއްވެސް ތުހުމަތެއް ސާބިތު ނުވިއިރު އޭނާ ސަަސްޕެންޝަންގައި ހުންނަވާތާ މިހާރު އެއް އަހަރާ ފަސް މަސް ވަނީ ވެފަ އެވެ. އޭނާ މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަނު ކުރީ 2019 ވަނަ އަހަރު ގެ ޖެނުއަރީ މަހު އެވެ.

ޝަޒައިލް ސަސްޕެންޑް ކުރި ފަހުން މޯލްޑިވް ގޭސް ހިންގަވަމުން ގެންދިޔައީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިކްރާމް އަލީ އެވެ. ނަމަވެސް ކޮރަޕްޝަންގެ މައްސަލަތަކަށް ފެންމަތިވެ އެ މައްސަލަތައް ބަލަމުން ދަނިކޮށް ދާދި ފަހުން އޭނާ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.