މީހުން

ޝާޒީ: ފޫހިފިލުވަން ފެށި މަސައްކަތުގައި މިހާރު އައިސިން ޖަހަނީ

ކޭކަކީ ވެޑިން ހަފުލާއެއްގެ އެންމެ މުހިންމު ތަނބެވެ. ކޭކަކާ ނުލައި ވެޑިން ޕާޓީއެއް ފުރިހަމަ ނުވާއިރު މިއީ ވެޑިން ޕާޓީއެއް ފަޅުފިލުވައި ދިނުމަށް އެންމެ މުހިންމު ރޯލެއް ކުޅޭ އެކަތި ވެސްމެ އެވެ. އެހާ އަގު ވެސް ބޮޑެވެ. އަދި އެހާމެ ފުރިހަމަ ވެސް ވާން ޖެހެ އެވެ.

ވެޑިންގެ ވިޔަފާރި ފުޅާވަމުން އަންނައިރު ވެޑިން ކޭކް ޑެކަރޭޝަންގެ ވިޔަފާރި ވެސް މި އޮތީ މެކުހަށް ޖަހައިފަ އެވެ. މާލޭގައި ހަފުތާއެއްގެ މައްޗަށް ދެ ތިން ވެޑިން ހަފުލާ ތަފާތު އެކި ކުލަތަކާ އެކު ކުރިއަށްދާއިރު މިއިން ކޮންމެ ހަފުލާއެއްގައި ވެސް އެންމެ ގިނަ ބައެއްގެ ޝައުގުވެރިކަން ދަމައިގަންނަ ހަތިޔާރަކަށް ވެފައި ވަނީ ކޭކެވެ. މި ފޯރި މިހެން އޮތްއިރު ވެޑިން ކޭކުގެ ވިޔަފާރި އަށް ވަދެފައިވާ މީހުން ވަރަށް ވެސް ގިނަ އެވެ. ހާއްސަކޮށް މި ދާއިރާ އިން ފާހަގަކޮށްލެވޭ ހުނަރުވެރި އަންހެން ކަނބަލުން ވަރަށް ވެސް ގިނަ އެވެ.

މި ފަހަރުގެ "ހުނަރުވެރި އަންހެނާ" އަކީ އެފަދަ ހުނަރުވެރިއެކެވެ.

އާއިލާގެ ތެރެއިން އުފެއްދި ޝައުގުވެރިކަމެއްގެ ތެރެއިން ކޭކު ޑެކަރޭޝަންގެ ތެރެއަށް ވަދެ އެ ވިޔަފާރި ފުޅާކުރަން މަސައްކަތްކުރަމުން އަންނަ ފަރާތެވެ. މިއީ މަރިޔަމް ޝާޒީ އެވެ.

 

ކޭކު އެޅުމާއި ކޭކު ޑެކަރޭޝަންގެ މަސައްކަތަށް ހުސްވުމުގެ ކުރިން އޭނާ އެންމެ ފުރަތަމަ ކައިވެނިކުރީ އެވެ. އެހެންވީމަ އަމިއްލަ ވެޑިންގެ ކޭކު ހައްދަން ޖެހުނީ އެހެން މީހަކަށް އަގު ދީގެންނެވެ. ދެން އޭނާ އަދާކުރަން ފެށި ވަޒީފާތަކަށް ބަލާއިރު، މިހާރު ކުރަމުންދާ މަސައްކަތަށް އައިސްފާނެ ކަމަކަށް މީހަކަށް ގަބޫލެއް ވެސް ނުކުރެވޭނެ އެވެ. ނަމަވެސް ކައިވެންޏަށް ފަހު ދަރިއަކު ލިބި މަންމައަކަށް ބަދަލުވި ހިސާބަކީ އޭނާގެ ހަޔާތުގައި އައިސިން ޖެހި ހިސާބެވެ.

"މެރީކޮށްގެން ބަނޑުބޮޑުވި ހިސާބުން ފިރިމީހާ އެދުނީ ވަޒީފާ އަށް ދިއުން ހުއްޓާލަން. ދެން އެގޮތަށް ގޭގައި ފޫހިފިލުވަން ކުރަން ފެށި ކަމެއްގެ ތެރެއިން މިކަން ފެށުނީ،" އުމުރުން 30 އަހަރުގެ ޝާޒީ އޭނާގެ ވާހަކަ ފެށީ މިހެންނެވެ.

"ގޭގައި އުޅުނުއިރު، ނިންމައިގެން ހުރީ ދަރިފުޅު އަންނަންވާއިރަށް ރަނގަޅަށް ގޭތެރޭގައި ކަންތައް ކޮށްލެވޭ ވަރުގެ މަންމައަކަށް ވާން އެބަ ޖެހެޔޭ. އެގޮތުން ބޭސިކް ހެއާ ކަޓް ވެސް ދަސްކުރިން. ފަހަން ވެސް ދަސްކުރީ. އެގޮތަށް ކޭކު ޑެކަރޭޝަން ވެސް އެންމެ ފުރަތަމަ ދަސްކުރީ. އަސްލު މި ގޮތަށް ބޮޑަށް ދަސްކުރީ ދަރިފުޅު ލިބިގެން އޭނާ އަށް ކަންތައް ކޮށްދޭން ވެގެން."

ނަމަވެސް މިހާރު އޭނާ އަކީ ހަމައެކަނި ދަރިފުޅުގެ އުފަން ދުވަހަށް ކޭކެއް ފިހެލައިގެން އޭތި ޑެކަރޭޓްކޮށްލާ މަންމައެއް ނޫނެވެ. އަދި އާއިލާގެ މީހުންގެ ހާއްސަ ދުވަސްތަކަށް ކޭކު އަޅައިދޭ މީހެއް ވެސް ނޫނެވެ. އެންމެފަހުން މިކަން މި އޮތީ ބޮޑު ވިޔަފާރިއަކަށް ބަދަލުވެފަ އެވެ.

ކޭކް ޑެކަރޭޝަންގެ ތެރެއަށް ވަނުމުގެ ކުރިން ވެސް ޝާޒީ އަކީ ކެއްކުމަށް ވަރަށް ފޯރި ހުރި މީހެކެވެ. ހާއްސަކޮށް ފޮނި އެއްޗެހި ހަދައިގެން މީހުންނަށް އޭގެ މީރުކަން ދެއްކުމަކީ އޭނާ ނިކަން ކުރާ ހިތުން ކުރި ކަމެކެވެ. ނަމަވެސް ކޭކު ކެއުމަކީ އޭނާ އެއްވެސް އިރެއްގައި ގަޔާވި ކަމެއް ނޫނެވެ.

ޝާޒީ ގަބޫލުކުރާ ގޮތުން މިހާ ހިސާބަށް އޭނާ އަށް އާދެވުމުގެ އަސްލު ގުޅިފައި ވަނީ އާއިލާ އާއި އޭނާގެ ފިރިމީހާގެ އާއިލާގެ މެމްބަރުންނާ އެވެ. ދެ އާއިލާގައި ވެސް ތިބީ އެއްވަރުގެ ހުނަރުވެރިންނެވެ.

"މަންމަ އަކީ ބާލީހުގެ އުރަ އަމިއްލަ އަށް ފަހައިގެން އޭގައި އަމިއްލަ އަށް ތައްގަނޑު ޖަހައިގެން އެ ވިޔަފާރި ކުރި މީހެއް. ބައްޕަ އަކީ ރަށު ފެންވަރުގަ ބޭކަރީއެއް ހިންގި މީހެއް. ފާރޮށްޓާއި ފާން ފިހުމުގެ މަސައްކަތުގައި އުޅުނު މީހެއް ބައްޕައަކީ. އެހެންވީމަ ފެމިލީ ތެރެއިން ފެށިފައި އޮތް ކަމެއް އަސްލު މިއީ،" ކޭކުގެ ވިޔަފާރީގައި ހަތް ވަނަ އަހަރު ގުނަމުން އަނަން ޝާޒީ ބުންޏެވެ.

"މާމަ އަކީ ވެސް ވަރަށް މީރުކޮށް ކާ އެއްޗެހި ހަދާ މީހެއް. ދެ ބޭބެ ވެސް ވަރަށް މީރުކޮށް ކައްކާނެ. އެންމެ ފުރަތަމަ އަހަރެން ކައްކަން ދަސްކުރީ ވެސް އެމީހުން ކައިރިން."

އެހެންވީމަ، ޝާޒީގެ ވާހަކަ ދޫކޮށްލާފައި އަޅުގަނޑު އެންމެ ފުރަތަމަ ދާންވީ މި އާދަޔާހިލާފު އާއިލާގެ އިންޓަވިއުއެއް ނަގާކަށް ނޫން ހެއްޔެވެ؟

ކޮންމެއަކަސް ކޭކެއް ޑެކަރޭޓްކުރުމަށް ޝާޒީ ފެށި ދަތުރުގައި އޭނާއާ އެންމެ ފުރަތަމަ ވެސް ލައްވާލީ ވެޑިން ކޭކެކެވެ. އެ ތަޖުރިބާގެ ރަހަ އާއި ކުލަ އަދިވެސް ހެޔޮވަރެއް ނުވެ އެވެ.

"ފުރަތަމަ ކޭކު ވަރަށް ހަޑިކޮށް ހެދުނީ. ސްމޫތެއް ވެސް ނުކުރެވޭ. ހިތަކަށް ވެސް ނާރާ އެހާ ގިނަ ވަގުތު ހޭދަކޮށްގެން އެ ވަރުގެ ކަމެއް އަހަރެން އެގޮތަށް ކުރާނެޔެކޭ ވެސް. މުޅި ދުވަސް ދިޔައީ އެ ކޭކު ސްމޫތު ނުކުރެވިގެން،" ދެ ހާސް ރުފިޔާގެ އަގަކަށް ރީތިކުރި ފުރަތަމަ ކޭކުގެ ތަޖުރިބާ ކިޔައިދެމުން ޝާޒީ ބުންޏެވެ.

"ފޮންޑެންޓުން އެއްޗެހި ހަދަން ވެސް އޭރު އެއްގޮތަކަށް ނޭނގޭ. އެހެންވީމަ ފުރަތަމަ ކޭކު ހަދާ ނިމުނުއިރު އަތްތަންތަން ވެސް ދުޅަވެފަ އޮތީ. އެއީ ފޮންޑެންޓް ރަނގަޅަށް ބޭނުންކުރަން ނޭނގުނީމަ."

ބޭސިކް ކޭކް ޑެކަރޭޝަން ކޯހަށް ފަހު އޭނާ ވަނީ މިހާރު މާސްޓާ ލެވެލްގެ ކޯސްތައް ވެސް ފުރިހަމަކޮށްފަ އެވެ.

"މި މަސައްކަތް ފެށީ މިގޮތަށް ފުޅާކުރާކަށް ނޫން. އެކަމަކު ކޯސްތަކަށް ފަހު ވަކިން މިކަމަށް ހުސްވާން ފެށީ. މިހާރު މި އުޅެނީ އަމިއްލަ ބޭކަރީއެއް ހުޅުވައިގެން. މިދިޔަ ފަސް އަހަރު ހުރިހާ ކަމެއްކުރީ އަމިއްލަ ގޭގެ ބަދިގޭގައި،" ހުވަފެންތަކުގައި ޖެހެމުންދާ ކުލަތައް ޝާޒީ ހިއްސާކޮށްލި އެވެ.

އޭނާ ބުނީ ދަރިފުޅަށް ކަންތައް ކޮށްދޭން ފެށި ކަމަކަށް ވިޔަސް އޭނާގެ މި މަސައްކަތް މިހާރު ވަނީ ހުއްޓާނުލެވޭ ވަރަށް ފުޅާވެ ވިޔަފާރިއަކަށް ބަދަލުވެފައި ކަމަށެވެ. އޭނާ ބުނީ ކުރާ މަސައްކަތަށް އަގު ވެސް މިހާރު ވަރަށް މުހިންމުވެފައިވާ ކަމަށެވެ. ނަމަވެސް މި ކަމުގެ ތެރެއަށް ވަންއިރު މި މަސައްކަތަށް ޖެހުނު ލޯބި އަދިވެސް ފަނޑުނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ޝާޒީ ބުނީ އަދިވެސް އެންމެ މުހިންމީ ހިދުމަތް ހޯދަން އަންނަ މީހާގެ ހިތްހަމަޖެހުން ކަމަށެވެ.

"ވަރަށް ބޮޑަށް މަސައްކަތްކުރަން ވަގުތު ހޯދައިގެން މަސައްކަތްކޮށް ކޭކު ރީތިކުރަން. ދެން އެންމެ ބޭނުންވާ ގޮތަށް ޑެކަރޭޓް ނުކުރެވި ބުނާ ގަޑިއަށް ވުރެ ކުޑަ އިރުކޮޅެއް ލަސްވިޔަސް ވަރަށް ދެރަވޭ. އެހެންވާ މަސައްކަތްތަކަށް އެންމެ ފުރަތަމަ ކިޔާ އަގު ނުވެސް ނަގަން،" ޝާޒީ ބުންޏެވެ.

"ހިތްހަމަ ނުޖެހިގެން މިހާތަނަށް މައްސަލަ ޖެއްސީ ތިން މީހަކު. ދެން އެންމެފަހުން އެމީހުން ބޭނުންވާ ގޮތަށް ނިންމީ. ކޭކު އަލުން ފްރީކޮށް ހަދައިދިނީ އެމީހުން ބޭނުންވާ ގޮތަށް. ފާޑުކިޔުމަކީ ދެރަވާ ކަމެއް ނޫން. ބޭނުން ވަނީ މައްސަލައެއް ޖެހިއްޖެ ނަމަ އެކަން ރަނގަޅުކުރަން. އަހަރެން އަދިވެސް ދަސްކުރަނީ."

"އެންމެ ފުރަތަމަ މި ހުޅުވަނީ ވެސް ވަރަށް ކުޑަކުޑަ ބޭކަރީއެއް. އެކަމަކު ފަށައިގަންނަށް އަޅުގަނޑަށް މިތަން ވެސް ވަރަށް ބޮޑު."